ޚަބަރު

އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ޙައްޖާޖީންގެ ކަންކަން އެންމެ ފުރިހަމައަށް ތަރުތީބުކުރުން: ރައީސް


  • އެމަނިކުފާނު މިހެން ވިދާޅުވީ، މައްކާގައި ދިވެހި ހައްޖާޖީންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން

ދިވެހި ޙައްޖާޖީންނަށް ޙައްޖުގެ މަތިވެރި އަޅުކަމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ތަރުތީބު ކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މައްކާގައި ދިވެހި ހައްޖާޖީންނާ ބައްދަލުކުރައްވައި ހާލުއަހުވަލު ބެއްލެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހި ހައްޖާޖީންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ޙައްޖަކީ ދިވެހިންނަށް ތާރީޚީ ހައްޖަކަށް ވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ސަޢުދީ ސަރުކާރާއި އެޤައުމުގެ ވަލީޢަޙުދުގެ ޚާއްސަ ނިންމެވުމުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ފަހު ފުރުސަތުތަކެއް ލިބި ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބީއްޔާއަށް ދިއުމުގައި ވަރަށްބޮޑު ލުޔެއް ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިކަމަށްޓަކައި ސަޢޫދީ ރަސްގެފާނަށާއި ވަލީއަޙުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.



ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީގެކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާއިރު ބައެއް ދަތިތައް ހުންނަކަން ފާހަގަކުރައްވައި މިއަހަރު އެހުރިހައި ދަތިކަމެއްހެން ފިލައި ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުންވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަންދެން ހުރިހައި ކަމެއްގައިވެސް ވީހާވެސް ފުރިހަމައަށް، ކޮންމެ ހައްޖާޖީއަކަށްވެސް ކަންކަން ފަސޭހައިން އިންތިޒާމުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކައްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.