ޚަބަރު

"އުމުރުން 18 އަހަރު ފުރި އަމިއްލަ ގެދޮރުނެތް އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މިއަހަރު ލިޔުން ދޭނަން"


  • ރައީސް ވިދާޅުވީ ފްލެޓް ނުވަތަ ގޯއްޗެއް ލިބޭނެކަން ކަށަވަރުކޮށްދޭނަކަމަށް

އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގައި އެމަނުކުފާނު ގެންގުޅުއްވާ ތަސައްވުރާއި އެކަމުގައި ކުރައްވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާތަތުގެ ދަށުން މިހާރު ފެށުމަށް ތައްޔާރުވާ އެއް މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، އަމިއްލަ ގެދޮރެއް ނެތް 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެކަމަށެވެ.

މިއީ ވަރަށް މުހިންމު ވަޢުދެއްކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބިން ހިއްކައިގެން މާލެ ސަރަޙައްދުގައި ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ރަސްމާލެ އަންނަނީ ތަރައްޤީކުރަމުންނެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، މާލެ ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް އަދި ހުޅުމާލޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެދަށުން ތަރައްޤީކުރާ 4000 ޔުނިޓްވެސް ހިމެނެއެވެ.