މިފެށޭ ޖޫންމަހުގެ އަންނަ މަހުން ފެށިގެން ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން. pic.twitter.com/2SsaM6CGOQ
— Dr Mohamed Muizzu (@MMuizzu) May 30, 2025
ރައީސުލްޖުމްހޫރިއްޔާ ވަނީ ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތަކަށް ގެންނަވާ ބަދަލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީގެ އަގުތަކާއި މިހާރުގެ އަގުތައް އެނގޭގޮތަށް އެމަނިކުފާނު ވަނީ ތަފްސީލް ހިއްސާކުރައްވާފައެވެ/
ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް
ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް
ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް
ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް
ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް
600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށް
ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ ކަރަންޓު ބިލު ބޮޑުވުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.