ނިމުނު ހަފުތާއަކީ ސިޔާސީ، އިޤުތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ހަފްތާއެކެވެ.
އެގޮތުން ނިމުނު ހަފުތާއަކީ އަހަރުތަކަކަށްފަހު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވުނު ހަފުތާއެވެ. މިދިޔަ ހުކުރު ދުވަހު މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިޔާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސް ހުޅުވައިދެއްވިިއިރު، އައިޖީއެމްއެޗުގައި ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސް ހުޅުވައިދެއްވީވެސް ނިމުނު ހަފުތާގައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި ހޯދަން ފަސޭހަކޮށްދިނުމަށް ޤާއިމުކުރި "މީޑިއާ ފެންޑާ" ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައި މުހިންމު ޚިދުމަތްތަކެއް ވަނީ އިފުތިތާޙުކޮށްދެއްވާފައެވެ. އެ ގޮތުން ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ލުއި ފަސޭހަކުރުމުގެ ގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް އިފްތިތާޙުކޮށްފައިވާއިރު، ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާޙުކުރީވެސް ނިމުނު ހަފުތާގައެވެ. މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތާއެކު ދިވެހި ޙައްޖުވެރިންގެ 2 ބޯޓެއް މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައެވެ.
ނިމުނު ހަފުތާގައި ރައީސުލްޖުމްހުރިއްޔާ މުހިންމު 2 ބިލެއް ރައީސް ތަޞްދީޤުކުރެއްވިއެވެ. އެއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާއި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވިއިރު، އެ ރަސްމިއްޔާތުގައި ރައީސަށް ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ދެއްވާ ޚާއްސަ އެވޯޑު އަރުވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައިނު ހެއްދުމަށް 2000 ރުފިޔާ ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
ސިޔާސީ ދާއިރާއިން ނިމުނު ހަފުތާގައި ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ސްޕެޝަލް އެންވޯއި އޮފް ދި ޕްރެޒިޑެންޓްގެ މަޤާމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސް ޑރ. މުޢިއްޒު ޢައްޔަނުކުރެއްވުން ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ޝަރީޢަތް ނިމެން ދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދޭން ފަށާފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މުޙައްމަދު އަޒުމީއާއި މުޙައްމަދު ޝަފީޢު އިންތިޚާބުކުރީ ނިމުނު އަންގާރަ ދުވަހުއެވެ. އަދި އެމްއޭސީއެލް ބޯޑުގެ ޗެއަރމަންކަމަށް އައިޝާ ނޫރްއައިން ޖަނާހު އައްޔަނުކޮށްފައިވާއިރު، އެޗްޑީސީގެ ބޯޑުގެ ޗެއަރކަމަށް އަޙްމަދު ޝަހީރު އައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް ފައިނެންސް އެންޑް ލީސިން ކޮންޕެނީ، އެމްއެފްއެލްސީއާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހިއްސާއަކަށް 55 ރުފިޔާ ބަހަން އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރީވެސް ނިމުނު ހަފުތާގައެވެ. އަދި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން ފާހަގަކޮށްލެވެއެވެ. މި ގޮތުން އެ އަތޮޅުގައި އަލަށް 10 ރަށެއްގައި ޚިދުމަތް ފަށާފައިވެއެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފާވާއިރު، 18 ރަށެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ޢިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކުރީ ނިމުނު ބުދަ ދުވަހުއެވެ.
މީގެ އިތުރުން ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް ބޭނުންކުރަން ފެށީވެސް ނިމުނު ހަފުތާގައިކަން ފާހަގަކޮށްލެވެއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އިޤުތިޞާދީ، ވިޔަފާރީގެ ދާއިރާއިން ޚަބަރުތަކެއް ފާހަގަކޮށްލެވުނުއިރު، މުހިންމު ކަންތައްތަކެއް އިޢުލާންކުރެވުނުކަމް ފާހަގަކޮށްލެވެއެވެ.