ޚަބަރު

ޙައްޖުގެ އަޅުކަމަކީ ކެތްތެރިކަމުގެ އެތައް ހާލަތެއް ކުރިމަތިވާ އަޅުކަމެއް، އިމްތިހާނެއް!


  • ޙައްޖުގެ އަޅުކަމަކީ ބުރަ އަޅުކަމެއް

  • ޙައްޖުގެ އަޅުކަން ވާޖިބުވަނީ ކުޅަދާނަކަން ލިބިގެންވާ މީހާއަށް

  • ޙައްޖުގެ އަޅުކަމުގައި އިންސާނާ އެތައްގޮތަކުން އިމްތިހާނުކުރެވޭ

މާތްﷲއަށް އީމާންވުމަށްފަހު ކޮންމެ މުސްލިމަކުވެސް އަޅުކަންތަކެއްގެ މަތީގައި ދެމިހުންނަންޖެހެއެވެ. އެގޮތުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރަމަޟާންމަހުގެ ރޯދަ ހިފައި، ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުގެ އަޅުކަން އަދާކުރަންޖެހެއެވެ. މާތްﷲ ފަރުޟުކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން ޙައްޖުވުމަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ވަކި ތަނަކަށް ގޮސްގެން ނޫނީ އަދާ ނުކުރެވޭ އަޅުކަމެކެވެ.

ޙައްޖުގެ އަޅުކަމަކީ އެތައް ގޮތަކުން މުސްލިމުންނަށް ކުރިމަތިވާ އިމްތިހާނެކެވެ. އަހުލުން ދޫކޮށް ޙައްޖުގެ އަޅުކަމަށް ކޮންމެ މުސްލިމަކުވެސް ފުރަނީ އެނބުރި އައުމުގެ އުންމީދުގައެވެ. ތިމާ އެންމެ ލޯބިވާ އާއިލާއާއި މިތުރުން ދޫކޮށް ފުރަނީ މާތްﷲގެ ހަޟްރަތުން ދަރުމަޔާ ސަވާބަށް އެދިގެންނެވެ.

ޙައްޖުގެ އަޅުކަމަކީ ކެތްތެރިކަމުގެ އެތައް ހާލަތެއް ކުރިމަތިވާ އަޅުކަމެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން ދިގު ދަތުރެއްކޮށް، ސަޢުދީ އަރަބިޔާއަށް އެތެރެވުމަށްފަހު ޖިއްދާއިން މައްކާޔަށް ކުރާ ދަތުރާއި، މައްކާއިން މަދީނާޔަށް ކުރާ ދަތުރަކީވެސް ދިގު ދަތުރުތަކެކެވެ.

އެހެންނަމަވެސް މި ދިގު ދަތުރުމަތީގައި ޙައްޖާޖީން ޝަކުވާއެއްނެތި ތިބެނީ ކެތްތެރިކަމާއެކުގައެވެ. ދިވެހިން އަމިއްލަ ޤައުމުގައި އާންމުކޮށް ނުކުރާ ވަރުގެ ދިގު ދަތުރުތަކެކެވެ. އެހެންނަމަވެސް ދަތުރުގެ މިސްރާބަކީ ދަރުމަޔާ ސަވާބު ލިބެނިވި މަންޒިލަކަށްވާތީ ކެތްތެރިކަމާއެކުގައި ތިބެވެއެވެ. ޒިކުރުކުރުމާއި ޠަލްބިއާކިޔުން މަތީގައި ދެމިތިބެނީ މާތްﷲގެ ވަޖުހުފުޅު އަދައިގެންނެވެ. މި ދަތުރުތަކުގެ އާޚިރު ނަތީޖާއަކީ މަބްރޫރު ޙައްޖެއްކަމަށް އަދައިގެންނެވެ.

ދިވެހިރާއްޖޭގައި ހުރިހާ އިރަކު ކައިއުޅުނު ދިވެހި ރަހަތަކުގެ ކެއުންތައް ހުރިހާ އިރަކު ނުލިބުމަކީ ޝަކުވާއެއްކަމަށް ޙާޖީން ނުދެކެއެވެ. ސަޢުދީ އަރަބިޔާގެ މޫސުމަކީ ދިވެހިރާއްޖޭގެ އިރުވައި މޫސުމާއި ހުޅަނގުމޫސުމާ މުޅިން ތަފާތު މޫސުމެކެވެ. ފިނިހޫނުމިން ދިވެހިރާއްޖޭގެ ފިނިހޫނުމިނާ ހާސްބައި ތަފާތެވެ. މެންދުރުގެ ހޫނު ގަޑީގައި ގައިގެ ހަން ފިއްސާލާ މިންވަރަށް ހޫނުކަން އިހުސާސްކުރެވެއެވެ. ނަމަވެސް ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި މުސްލިމުންގެ ކިބައިން ވަރުބަލިކަމެއް ފޫހިކަމެއް ނުފެނެއެވެ. މިއަދު އިހުސާސްކުރެވޭ ހޫނަށްވުރެ މާތްﷲގެ ހަޟްރަތުން ލިބެން އޮތް ދަރުމަޔާ ސަވާބަށް ޙާޖީން ތިބެނީ އެދިއެދިއެވެ.

ޙައްޖު މޫސުމުގައި ސަޢުދީ އަރަބިއްޔާއަށް އެތެރެވާ މުސްލިމުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވެއެވެ. ޠަވާފްކުރާ ވަގުތާއި ސަޢުޔު ކުރާ ވަގުތުގައި މީހުންގެ އަދަދު މިލިޔަނުން ގުނާލެވެއެވެ. މިއީ ކެތްތެރިކަން އިސްކުރަންޖެހޭ ވަގުތެކެވެ.

ޙަޖަރުލް އަސްވަދުގައި ބޮސްދިނުމަށާއި، ޔަމާނިއްޔަ ރުކުނުގައި ބީހިލަން ޙާޖީން ތޮއްޖެހެނީ ބަލާ މީހަކަށް ބިރުވެރިކަން އިހުސާސްކުރެވޭ މިންވަރަކަށެވެ. ނަމަވެސް ދީނީ ޢިލްމުވެރިން އިރުޝާދު ދެއްވަނީވެސް މިއީ ކުޅަދާނަކަން ލިބިގެންވާ މީހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ތިމާގެ ފުރާނަޔަށް ނުރައްކާވެދާނެ ފަދައިން މީސްތަކުންގެ ތެރެއަށް ވަދެގަތުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

ކައުބަތުﷲ ގެފުޅުގެ އުރަކޮޅުގައި ބީހުމުގައިވެސް އިސްކުރަންވީ ތިމާގެ ފުރާނައިގެ ރައްކާތެރިކަމެވެ. އެތައް މިލިޔަން މީހުންގެ ތެރޭގައި އެކަކަށްވުރެ އަނެކަކު ބާރުގަދަ ވާން އުޅުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. މުސްލިމުންނަކީ ކޮންމެ ކަމެއްގައިވެސް ރިވެތި އަޚުލާޤަށާއި، އުސޫލުތަކަށް އިހުތިރާމްކުރާ ބައެކެވެ. އަޅުކަމުގައި މުސްލިމުންގެ އަޚުލާޤު އަދި މާ ފުރިހަމަޔަށް ދައްކަންޖެހެއެވެ.

ޖަމްރާޔަށް ހިލަ އުކުމުގައިވެސް ކެތްތެރިކަން އިސްކޮށް އުސޫލުތަކަށް އިހުތިރާމްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މީހުންނަށް އަނިޔާކުރުމާއި ގެއްލުން ދިނުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ނަހީކުރއްވާފައިވާ ކަންކަމެވެ.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ މިނާގައި ރޭކުރުމާއި، އަރަފާތު ބިމުގައި މަޑުކުރުންފަދަ ކަންކަމަކީ މުސްލިމުންގެ ކެތްތެރިކަން އިމްތިހާނުކުރެވޭ މަނާސިކުތަކެވެ. އުންމީދުނުކުރާ ފަދަ ހާލެއްގައި އުޅެން ޖެހުމަކީ، އެކަކު އަނެކަކަށް އެއްޗެހި ގޮވާ މަސްލަހަތު ނަގައިލައިގެން ވާނެ ކަންކަމެއް ނޫނެވެ.

ޙައްޖުގެ އަޅުކަމަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި މިސާލު ދެއްކުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަށް އެހީތެރިވުމުގައި ލާމަސީލު މިސާލެކެވެ. ޙައްޖު ދަތުރުގެ ބުރަކަމުގައި އެއް ޙާޖީއަކު އަނެއް ޙާޖީއަކަށް އެހީތެރިވުމަކީ ޙާޖީންނަށް ލިބޭނެ ބަޔާންކުރަން ނޭނގޭނެ އުފާވެރިކަމެވެ.

މާތްﷲއަށްޓަކާ އަދާކުރާ އަޅުކަމެއްގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ކޮންފަދަ ބޮޑު އުފަލެއްތޯއެވެ.