ޚަބަރު

އޭބީޔޫ ގްލޯބަލް ނިއުސް ފޯރަމް ތުރުކީގެ އިސްތަންބޫލުގައި ފަށައިފި


  • މި ފޯރަމްގައި ޕީއެސްއެމްވެސް ބައިވެރިވޭ

  • މިފަހަރުގެ ޝިޢާރަކީ "ޖާނަލިޒަމް އަންޑަރ ދި ފަޔަރ"

އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭބީޔޫގެ ގްލޯބަލް ނިއުސް ފޯރަމް ފަށައިފިއެވެ. މިފަހަރުގެ ފޯރަމް ކުރިއަށްދަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ.

އޭބީޔޫ ގްލޯބަލް ނިއުސް ފޯރަމްގައި ރާއްޖޭގެ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްވެސް ބައިވެރިވެއެވެ. މި ފޯރަމްގައި ޕީއެސްއެމް ތަމްސީލްކުރަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީނާއި ޑައިރެކްޓަރ އޮފް ނިއުސް ޙުސައިން އަމީނާއި ޑައިރެކްޓަރ އޮފް މާކެޓިން، ސޭލްސް އެންޑް ކޮމިޔުނިކޭޝަން އިބްރާހިމް ރަމީޒެވެ.

މި އަހަރުގެ ފޯރަމާ ގުޅޭގޮތުން އޭބީޔޫގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ނަދީމް ވިދާޅުވީ ފޯރަމްގެ މިފަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޖާނަލިޒަމް އަންޑަރ ދި ފަޔަރ" ކަމަށެވެ. މިއީ ފަލަސްޠީނުގެ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޝިޢާރެއްކަމަށް ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ ފަލަސްޠީނުގެ ޚަބަރުތައް ފޯރުކޮށްދޭ ނޫސްވެރިންނާ ގުޅުންހުރި ޝިޢާރެއް ކަނޑައެޅުމުގެ ބޭނުމަކީ ހަނގުރާމައިގެ ސަބަބުން ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ވާހަކަތައް ބައިނަލްއަޤުވާމީ މައިދާނުގައި ހާމަކުރުން ކަމަށެވެ.

އޭބީޔޫގެ ގްލޯބަލް ނިއުސް ފޯރަމް ކުރިއަށްދާނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ފޯރަމްގައި ޚަބަރު ފެތުރުމުގައި ބޭނުންކުރާ ފަހުގެ އީޖާދުތަކާއި ކޮންޓެންޓް ޖެނެރޭޓުކުރާ އާޓިފިޝަލް އިންޓަލެޖެންސްގެ އިޖާދުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ފޯރަމް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޓާކިޝް ރޭޑިއޯ އެންޑް ޓެލެވިޜަން ކޯޕަރޭޝަން، ޓީއާރުޓީންނެވެ.

އޭބީޔޫ އުފެދުނީ 1964 ވަނަ އަހަރުއެވެ. މިއީ ބްރޯޑްކާސްޓިންގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އޭބީޔޫގައި 66 ޤައުމެއްގެ 232 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ޕީއެސްއެމްވެސް ހިމެނެއެވެ.