ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ "އުފަކާރަ" ތަމްރީން ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
"އުފަކާރަ" ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މިފަހަރު މި ޕްރޮގްރާމް ހިންގަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިމަހުގެ 15 އިން 17ގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ކާބޯތަކެތީގެ މަސައްކަތްކުރާ ޖުމްލަ 86 ފަރާތަކުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރިގޮތުގައި އުފައްދާ، ތައްޔާރުކުރުމާއި އެތަކެތީގެ ފެންވަރު މަތިކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ދިނުންވެސް ހިމެނެއެވެ. ހަމައެއާއެކު ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކަށް އަހުލުވެރިކުރުވުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.
ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ އުފަކާރަ ޕްރޮގްރާމް ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. އަދި މިހާތަނަށް ހިންގާފައިވާ ހުރިހާ ''އުފަކާރަ'' ތަމްރީން ޕްރޮގްރާމްތަކުގައިވެސް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންވަނީ ބައިވެރިވެވަޑައިގެން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.