ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ 1500އަށްވުރެ ގިނަ މައްސަލަ "އިމިގްރޭޝަން ވޮޗް"އަށް


  • މީގެ ތެރެއިން 976 މައްސަލައަކަށް ވަނީ އެޓެންޑްވެފައި

  • އެ އިދާރާއާއި ގުޅުންނެތް 171 މައްސަލަވެސް ވަނީ ހުށަހަޅާފައި

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1500 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމުކުރި އެންމެ ހަރުދަނާ އެއްނިޒާމުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1507 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މީގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވާކަމަށެވެ. އަދި މީގެ ތެރެއިން 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ ކަމަށާއި، 116 މައްސަލައެއް ނުބެލިއޮތްކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މީގެއިތުރުން އެ އިދާރާއާއި ގުޅުންނެތް 171 މައްސަލަވެސް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައިވެސް ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އިމިގްރޭޝަނުން ދަނީ ކުރިއަށްގެންދަމުންދެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު ފަސް ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.