ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު އިމާދު މިދިޔަ މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ފެންނަކަމަށް، އޭނާއާ އިންޓަވިއުކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ފާސްކުރެއްވީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
ކޮމިޓީން ފާސްކުރެއްވި ގޮތާ އެއްގޮތަށް އަސްނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާޤުންނެވެ.
ޢާއިޝަތު އަސްނާ ހަމްދީ މާލީ ދާއިރާގައި މަސައްކަތްކުރައްވަމުންގެންދަވާތާ މިހާރުވަނީ 20 އަހަރުވެފައެވެ. އެމްއެމްއޭގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު ޚިދުމަތާއި ގުޅިވަޑައިގަތީ 2008ވަނަ އަހަރުގައެވެ. އޭނާ ޑިގްރީ ހާސިލުކުރައްވާފައިވަނީ ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން މެލޭޝިއާ ގައި ހުންނަ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިންނެވެ. އަދި މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ޙާސިލުކުރައްވާފައިވަނީ މެލޭޝިއާގައި ހުންނަ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިންނެވެ.