ހދ. މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 45 ކިޔުބިކް މީޓަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓާފައިވާ ކަމަށެވެ. އަދި 250 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރާ 2 ޓޭންކު ބަހައްޓާފައިވާއިރު، ނަރުދަމާގެ 4 ޕަންޕު ސްޓޭޝަންވެސް ޤާއިމުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި 15 ކިލޯމީޓަރަށްވުރެ ދިގު ފެނާއި ނަރުދަމާގެ ނެޓްވަރކްތައް އަޅާފައިވާކަމަށްވެސް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އަޢުޒަމް އާދަމް ވިދާޅުވީ މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ޓެސްޓްކުރުމުގެ މަރުހަލާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
މަކުނުދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްކުރަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރުސީސީ ކުންފުނިންނެވެ. މި މަސައްކަތަށް 64 މިލިޔަން ރުފިޔާ ޚަރަދުކުރައްވައެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 2023 ވަނަ އަހަރު ރަށްރަށުގައި ޤާއިމުކުރަން ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން މާރޗް މަހު ވ. ކެޔޮދޫއާއި ވ. ފެލިދޫގެ ފެނާއި ނަރުދަމާ މަސައްކަތް ވަނީ ނިންމާލާފައެވެ.