ޚަބަރު

ސައުތެމްޓަންއިން ސިޓީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ލީގުގެ ފުލުގައި އޮވެ ޗެމްޕިއަންޝިޕަށް ރެލިގޭޓުވެފައިވާ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ. މި މެޗަށް ނިކުތްއިރު އެ ޓީމަށް ލިބިފައިވާ 11 ޕޮއިންޓަކީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ޓީމަށް ލީގުގައި ހޯދިފައިވާ އެންމެ ދަށް އަދަދުގެ ޕޮއިންޓެވެ.

މި މެޗު އެއްވަރުވެފައިވާއިރު ސިޓީއަށް 36 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. މި މެޗު ކާމިޔާބުކޮށްގެން ދެވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވުން އެ ޓީމަށް ފުރުސަތު އޮތް ނަމަވެސް މި ނަތީޖާ އާއިއެކު ގަދަ ފަހެއްގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ސިޓީން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފޯވާޑް އާލިން ހާލަންޑް ވަނީ މި މެޗުގައި ކުޅެފައެވެ. ނަމަވެސް ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅެފައިވާ ސައުތެމްޓަންގެ ގޯލަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި ސިޓީއަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ މުޅި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 25 ހަމަލާ އުފައްދާފަ އެވެ. އެގޮތުން ސިޓީގެ މެނުއެލް އަކަންޖީ އާއި ބާނާޑޯ ސިލްވާގެ އިތުރުން ރުބެން ޑިއާސް އަދި އުމަރު މަރްމޫޝްގެ ނުރައްކާތެރި ހަމަލަތައް ފާހަގަކޮށްލެވެއެވެ.

ސައުތެމްޓަން ވަނީ މިދިޔަ އެޕްރީލް މަހު ޕްރިމިއާ ލީގުން ރެލިގޭޓުވެފައެވެ. އަދި އެއާއެކު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި އިވާން ޖުރިޗް ވަނީ މަގާމުން ވަކިކޮށްފައެވެ. ޖުރިޗް އަކީ މި ސީޒަނުގައި އެ ޓީމާއި ހަވާލުވި ދެވަނަ ކޯޗެވެ.

ސައުތެމްޓަންގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ސައިމަން ރަސްކު ބުނެފައިވަނީ އެ ޓީމުގެ ވިސްނުމަކީ މި ސީޒަނުގެ ބާކީ އޮތް މެޗުތަކުން ރަގަޅު ނަތީޖާތަކެއް ހޯދުން ކަމަށާއި، ސިޓީ އަތުން ލިބުނު ޕޮއިންޓަކީ މުހިންމު ޕޮއިންޓެއް ކަމަށެވެ.