ޒިންމާ އުފުލުމަށް ކުދިންނަށް ހިތްވަރުދިނުމަކީ އެކުދިންގެ ޝަޚްސިއްޔަތު ތަރައްޤީވެ، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގް ވިދާޅުވެއްޖެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގްގެ ޚިޠާބުގައި ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނާ، ބެލެނިވެރިންނާ، ކުޑަކުދިންގެ ކުރިއެރުމާއި ލާބައާ މަންފާއަށް މަސައްކަތްކުރާ ފަރާތްތަކާއި، އަދި މުޖްތަމަޢުގެ އެންމެހާ ފަރާތްތަކަށް ވަނީ ދަންނަވާފައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިޢާރެވެ. މި ޝިޢާރަށް އަމާޒުކުރައްވާ ނިޢުމާތު ޝަފީގް ވިދާޅުވީ، މި ޝިޢާރުގެ އަމާޒަކީ ކުޑަކުދިންނަށް އުފާވެރި ހަޔާތަކާއި، ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމަށްޓަކައި ބެލެނިވެރިންނާއެކު އުފާވެރި ވަގުތު ހޭދަކުރުމާއި، ބެލެނިވެރިންނާއި ކުދިންނާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަމުގެ ވާހަކަ ބުނެދޭކަމަށެވެ.
ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދީ، އެކުދިންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާ ކަމެއްކަން ނިޢުމާތު ޝަފީގް ވިދާޅުވިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ވިދާޅުވީ، ކުދިންނާއެކު ބެލެނިވެރިން ހޭދަކުރާ އުފާވެރި ވަގުތުތަކަކީ އެކުދިންނަށް ފައިދާކުރާނެ ވަގުތުތަކަކަށް ހެދުމަށް ބެލެނިވެރިން އިސްކަންދޭންޖެހޭކަމަށެވެ.
އެގޮތުން، އެކުދިން ޝައުވެރިކަން ހުންނަ ހުނަރުތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އުމުރާ ގުޅޭ ކަންކަމުގައި ކުދިން ޝާމިލުކުރުވާ، އަމިއްލައަށް ކަންކަން ތަޖުރިބާކޮށް ކަންކަން ދަސްކުރުމަށް ހިތްވަރުދީ، އެކުދިންނަށް ގޮތް ނިންމުމަށް ފުރުސަތު ފަހިކޮށްދިނުމުން، އެކުދިންނަކީ ޤާބިލު އަދި ވިލުންތެރި ބައެއްގެ ގޮތުގައި ބޮޑުވުމަށް މަގުފަހިވެގެންދާނެކަމަށް ނިޢުމާތު ވިދާޅުވިއެވެ.
މީގެއިތުރުން ނިޢުމާތު ޝަފީގް ވަނީ، ބެލެނިވެރިން ކުދިންނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ކުދިންނަށް އުފާވެރިކަމާ އެކުދިންގެ ތަރަށްޤީއަށް މަގުފަހިވާނެފަދަ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ޚާއްޞަ އަމިއްލަވަންތަކަމެއް ލިބިގެންވާ ކުއްޖެއްކަމާއި، ތަފާތު ކަންކަން ކުރާހިތްވާ، ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްކަން ފާހަގަކުރައްވާ ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުދިންނަށް އަމިއްލައަށް ކުރެވޭނެކަންކަން ދެނެގަނެ، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.