ޚަބަރު

މެރިކަލްޗަރގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މުހިންމު: ވަޒީރު ޝިޔާމް


  • ސަރުކާރުން ކުރިއަށްގެންދިޔަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ނިމުންވަނީ ފާހަގަކޮށްފައި

  • މި ޕްރޮގްރާމުގައި ރާއްޖޭގެ 9 ސަރަހައްދަކުން 15 މީހުން ވަނީ ބައިވެރިވެފަ

މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫންކަމަށާއި، މި ދާއިރާގައި އަންހެނުން ބައިވެރިވުންވެސް މުހިންމުކަމަށް މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ރާއްޖޭގައި މެރިކަލްޗަރ އަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މެރިކަލްޗަރ ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު މިދަނީ ކުރަމުން. މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި މީހުން ބިނާކުރުމަށްވެސް މިދަނީ މަސައްކަތްކުރަމުން. އަދި މިކަމުގެ ޤާނޫނީ ފެރޭމްވޯކް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާއިރު މިކަމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުން މުހިންމު" މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ތަރައްޤީކުރުމަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް މިހާރުވެސް ބާއްވަމުންދާކަމަށެވެ. އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާއެކު، ރަށްރަށާއި ކައިރިން އާމްދަނީއާ ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރެވިގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫންކަމަށާއި، މި ދާއިރާގައި އަންހެން ބޭފުޅުންގެ ބައިވެރިވުންވެސް މުހިންމުކަމަށްވެސް ވަނީ އަލިއަޅުއްވާލާފައެވެ.

"އަޅުގަނޑުމެންނަށް މިއަދު ޔަޤީންކަން ދީފި މި މަސައްކަތަކީވެސް ހަމައެކަނި ފިރިހެނުންނަށް އޮންނަ މަސައްކަތެއް ނޫންކަން. މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމު އަންހެން ބޭފުޅެއް ފުރިހަމަކުރުމަކީ މިއަދު އަޅުގަނޑަށް އަދި ސަރުކާރަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިންހަމަޖެހުމާއި އުފަލެއް. 15 ބައިވެރިންގެ ތެރެއިން 1 ބޭފުޅަކު އަންހެން ބޭފުޅަކަށް ވުމުން މެރިކަލްޗަރއަކީ އަންހެން ބޭފުޅުންނަށްވެސް އޮތް ދާއިރާއެއްކަން ވަރަށް ރަނގަޅަށް ހާމަވޭ" މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިއަހަރުގެ ތަމްރީނު ޕްރޮގްރާމް އޮތީ އެޕްރީލް މަހުގެ 26ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8ވަނަ ދުވަހާއި ހަމައަށް ކ. މަނިޔަފުށީގައެވެ. އަދި މި ޕްރޮގްރާމުގައި ރާއްޖޭގެ 9 ސަރަހައްދަކުން 15 މީހުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގެ ދަށުން ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދީފައިވާކަމަށް ޕްރޮގްރާމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ދަސްކޮށްދީފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.