ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު، އެ ޓީމުގެ ފޯވާޑް އުސްމާން ޑެމްބެލޭ ފިޓުވާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ބަދަލުކޮށްފައިވަނީ އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އަދި ދެވަނަ ލެގުގައި ޑެމްބެލޭ އަށް ކުޅެވިދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.
އަދި ލީގު ވަންގައި މި ހަފްތާގައި ސްޓްރޯސްބޯ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައިވެސް ޑެމްބެލޭ ކުޅެފައެއް ނުވެއެވެ.
އުމުރުން 27 އަހަރުގެ ޑެމްބެލޭ ވަނީ ފުރަތަމަ ލެގުގައި 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކުރި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފަ އެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ޑެމްބެލޭ ޓީމާއިއެކު ފަރިތަކުރަމުންދާ ކަމަށާއި އޭނާ މި މެޗަށް ފިޓްވެފައިވާ ކަމަށެވެ.
"ފާއިތުވެދިޔަ ދެ ދުވަހު އޭނާ ވަނީ ޓީމާއިއެކު ފަރިތަކޮށްފައި. އަދި އެންމެ ފަހުން އޭނާ ވަނީ ޓީމުގެ ފުރިހަމަ ޓްރެއިނިންގައި ބައިވެރިވެފަ. ބުދަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ޑެމްބެލޭ ކުޅޭނެ." ލުއިސް އެންރީކޭ ބުންޏެވެ.
2023 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއިން ޕީއެސްޖީ އާއި ގުޅުނު ޑެމްބެލޭ ވަނީ މި ސީޒަނުގައި އެ ކްލަބަށް ހުރިހާ މުބާރާތެއްގައި ޖުމްލަ 33 ލަނޑު ޖަހައިދީފަ އެވެ.