މިމަހުގެ 9-18 އަށް އިންޑިއާގައި ބާއްވާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ޤައުމީ ފުޓްބޯޅަ ޓީމު އިއްޔެ އިންޑިއާއަށް ދިއުމަށް ފުރަން ދިޔަނަމަވެސް އެއާޕޯޓުން ފުރޭގޮތެއް ނުވިއެވެ.
ޒުވާން ޤައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ރޭ 9 ޖެހިއިރު ފުރަން ދިޔަ ޓީމަށް ދެ ފަހަރު މަތިން ފްލައިޓް ޑިލޭވެ ފުރޭގޮތް ނުވުމުން ޓީމު އެނބުރި މާލެ އައީ ކަމަށާއި، މިއަދުވެސް ފުރޭނެކަމުގެ ޔަގީންކަމެއް އެއާލައިނުން ދީފައިނުވާކަމަށެވެ.
ޤައުމީ ޓީމުން ފުރުމުގެ ކަންކަން ހަމަޖެއްސީ ސްރީލަންކަން އެއާލައިންސްގެ ފުލައިޓެއްގައި މާލެ އިން ކޮލަމްބޯއަށް އަދި ކޮލަމްބޯއިން ނިއުދިއްލީއަށް ގޮސް ނިއުދިއްލީން މެޗު ކުޅޭ ސަރަހައްދަށް ޑޮމެސްޓިކް ފްލައިޓެއްގައި މެޗު ކުޅޭ ސަރަހައްދަށް ގޮތަށެވެ.
އެހެންނަމަވެސް އޭސް ޓްރެވެލްސްއިން ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފްލައިޓު 23:00 އަށް ޑިލޭވެ ފަހުން 12:25 އަށް ޑިލޭވުމާއި ގުޅިގެން ލަންކާ މަގުން ދިއްލީއަށް ދާން އޮތް ފްލައިޓް ނައްޓާލާ ގަޑި ޖެހުނުއިރުވެސް ރާއްޖެއަށް ޖައްސާފައެއް ނުވެއެވެ.
ރޭ ޤައުމީ ޓީމަށް ނުފުރުނަމަވެސް މިއަދު ޓީމުގެ 4 މީހަކު ފުރާފައިވާއިރު، އެމީހުން ލަންކާގައި މަޑުކުރުމަށްފަހު މެޗު ކުޅޭ ސަރަހަށްދަށް ދާން މަސައްކަތް ކުރަނީ ކަލްކަތާ މަގުންނެވެ.
ރާއްޖޭން ފުރައިގެން ލަންކާ މަގުން ރާއްޖޭގެ ޓީމަށް އެންމެ އަވަހަށްވެސް މެޗު ކުޅޭ ސްޓޭޑިއަމް އޮންނަ ސަރަހައްދަށް ދެވެން އޮތީ 8 ވަނަ ދުވަހެވެ. ރާއްޖޭ ޓީމުން މުބާރާތުގައި ފުރަތަމަ ކުޅެން ޖެހޭ މެޗު އޮތީ 9 ވަނަ ދުވަހުއެވެ. ޓީމުގެ ކޯޗު ބުނީ މިއަދުވެސް ފުރޭނެކަމުގެ ޔަގީންކަމެއް ދީފައިނުވާތީ އަލުން މާލޭގައި ފަރިތަކުރުންތައް ބާއްވާނެ ކަމަށެވެ.
އަދި 8 ވަނަ ދުވަހު އިންޑިއާގައި މެޗު ކުޅޭ ސަރަހައްދަށް ދެވިއްޖެނަމަ ޖެހިގެން އަންނަ ދުވަހު މުބާރާތުގެ ފުރަތަމަ މެޗަށް ނިކުންނަށް ޖެހޭނީ އެއްވެސް ވަރަކަށް އެކޮޅުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނެތި ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ޝާކިރު ބުނީ އަދި ފެންނަ މަގުތަކަށް ބަލާއިރު މުބާރާތް ކުޅޭ ސަރަހައްދަށް އަވަހަށް ދެވޭނެ ކަމުގެ ޔަގީންކަމެއްނެތްކަމަށާއި މިއަދު ފުރޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށެވެ.
ފްލައިޓް ޑިލޭވި ސަބަބުން ޕީއެސްއެމް އާއި ހިއްސާ ކުރަމުން އޭސް ޓްރެވެލްސްގެ އޮފިޝަލަކު ވިދާޅުވީ ޤައުމީ ޓީމު ފުރުވާލުމުގެ ކަންކަން މާދަމާ ހަމަޖެހޭނެ ކަމަށާއި، މާދަމާ ރޭ އިރާކޮޅުގެ ވަގުތެއްގައި އެއާރ އިންޑިއާގެ ފްލައިޓެއްގައި ދިއްލީއަށް ފުރޭނެކަމަށެވެ.
އަދި ރޭ ޓީމު ފުރަން އޮތް ފުލައިޓް ޑިލޭވީ ސްރީލަންކާ ސަރަހައްދުގެ މޫސުން ގޯސްވެ، ވައިބާރުވެ ވިދާ ގުގުރުމުގެ ސަބަބުން ކަމަށާއި، ރާއްޖެއަށް އަންނަން އޮތް ފުލައިޓް ލޭންޑް ނުކުރެވި އެތައް އިރަކު އުދުހުނު ނަމަވެސް ޖެއްސޭގޮތް ނުވީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން އެ ފްލައިޓުން ދަތުރުކުރުމަށް ރޭ އެއަޕޯޓަށް ދިޔަ ބައެއް މީހުން މިއަދު ހެނދުނު އިންޑިގޯ ފްލައިޓެއްގައި ފުރުވާލާފައިވާ ކަމަށާއި ޤައުމީ ޓީމުގެ ހަތަރު މީހުންވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އޭސް ޓްރެވެލްސްގެ އޮފިޝަލް ވިދާޅުވިއެވެ. ހުރިހާ އެންމެން މިއަދު ފުރުވާ ނުލެވުނީ އިންޑިގޯ އެއާލައިންގެ ފްލައިޓުތަށް ކުޑަވުމުން ހުރިހާ ޕެސެންޖަރުންނަށް ހަމަވާވަރަށް ސީޓު ނުލިބުމުގެ ސަބަބުން ކަމަށްވެސް އޭސްގެ އޮފިޝަލް ވިދާޅުވިއެވެ.
އޭސް ޓްރެވެލްސްއިން ޤައުމީ ޓީމުގެ ފުރުމުގެ ކަންކަމުގައި ވަކިގޮތެއް އަދި ޔަގީން ނުވާތީ ޓީމުން ކުރިން ހެދި ޕްލޭނަށް ވަނީ ބޮޑު ބަދަލެއްއައިސްފައެވެ. ސަބަބަބަކީ އިންޑިއާއަށް 8 ވަނަ ދުވަހު ދެވުނަސް، އެކި އެއާޕޯޓުތަކުގައި ޓްރާންސިޓްވަމުން މެޗު ކުޅޭ ސަރަހައްދާއި ހަމައަށް ދެވޭއިރު ކުޅުންތެރިންގެ ވަރުބަލިކަމާއި، އަދި ރެސްޓެއް ނެތި ޖެހިގެން އަންނަ ދުވަހު އެއްވެސް ވަރެއްގެ ފަރިތަކުރުމަކާއިވެސް ނުލާ ޓީމަށް އެންމެ ފުރިހަމައަށް ތައްޔާރުނުވެވި މުބާރާތް ކުޅޭ ދަނޑަށް އެންމެ ފަހުގެ ޗެމްޕިއަން ބަނގްލަދޭޝްއާއި ދެކޮޅަށް ނިކުން ޖެހުމަކީވެސް ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރުން އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ޓީމު ސާފް ޗެމްޕިއަންޝިޕަށް ދާން ޖެހޭ ސަރަހައްދަކީ ވަރަށް އެކަހެރިކޮށް ބޫޓާން އާއި ކައިރީގައި އޮންނަ އިންޑިއާގެ އިތާނަގަރެވެ. އެތަނަށް ދާ ޑޮމެސްޓިކް ފްލައިޓުތައް ހަފްތާގެ ހުރިހާދުވަހެއްގައި ދަތުރެއް ނުކުރެއެވެ.