ޚަބަރު

އެމްއައިބީއިން މިއަހަރުވެސް ގެސްޓްހައުސް ސިމްޕޯޒިއަމެއް ބާއްވަނީ


  • މި ސިމްޕޯޒިއަމް އޮންނާނީ އޮކްޓޯބަރު 2ގައި

  • 150 ފަރާތަކަށް މި ސިމްޕޯޒިއަމްގައި ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން މިއަހަރުވެސް ގެސްޓްހައުސް ސިމްޕޯޒިއަމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކްރޮސްރޯޑްސްގައެވެ.

މޯލްޑިވްސް ގެސްޓް ހައުސް ސިމްޕޯސިއަމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގެސްޓްހައުސް ވިޔަފާރިތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމުގެ މަޤްސަދުގައި އެމްއައިބީން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.

މިއަހަރުގެ ސިމްޕޯޒިއަމް އިއުލާންކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި "ގެސްޓްހައުސް ސިމްޕޯޒިއަމް 2024"އަށް ލިބުނު ތަރުޚީބާއި ގުޅިގެން، މިއަހަރުވެސް ގެސްޓްހައުސް ސިމްޕޯޒިއަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ރިޒާ ވިދާޅުވީ، ކުރީ އަހަރު ބޭއްވި ސިމްޕޯޒިއަމެކޭވެސް އެއްފަދައިން މިއަހަރުގެ ސިމްޕޯޒިއަމްގައިވެސް ގެސްޓްހައުސްތަކުގައި އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ޚިޔާލު ބަދަލުކޮށް، ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާ ކުރުމުގެ ފުރުސަތު ދެވޭނެކަމަށެވެ.

"ގެސްޓްހައުސް ސިމްޕޯޒިއަމްގެ އެންމެ ބޮޑު އެއް މަޤްސަދަކީ ގެސްޓްހައުސް ވިޔަފާރިކުރައްވާ އަދި ގެސްޓްހައުސްއަށް ޚިދުމަތްދެއްވާ ހުރިހާ ފަރާތްތައް އެއްފުރާޅެއްގެދަށަށްގެންގޮސް އެ ބޭފުޅުން އެކަކު އަނެކެއްގެ ތަޖުރިބާ ހިއްސާކޮށް، އަދި އިންޑަސްޓްރީގައި ދިމާވާއެކިކަހަލަ މައްސަލަތައް އަދި އިޝޫޒްތަކަށް ޑިސްކަސްކޮށް ހައްލު ހޯދޭނެ ގޮތްތަކަކަށް މަޝްވަރާކޮށް ޚިޔާލުތައް ބަދަލުކުރުން،" އަހުމަދު ރިޒާ ވިދާޅުވިއެވެ.

ޑެޕިއުޓީ ސީއީއޯ ރިޒާ ވިދާޅުވީ، ގެސްޓް ހައުސްތަކާއި، ލިވަރބޯޑުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ހިމެނޭހެން ޖުމްލަ 150 ފަރާތަކަށް މި ސިމްޕޯޒިއަމްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެކަމަށެވެ.

މި ސިމްޕޯޒިއަމްގައި ބައިވެރިވާ ފަރާތްތަކަށް ގެސްޓްހައުސް މާކެޓަށް އިތުރު އެކްސްޕޯޝަރ ލިބި އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ފަސޭހަވެގެންދާނެކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

މޯލްޑިވްސް ގެސްޓް ހައުސް ސިމްޕޯޒިއަމް 2025 އަކީ ގެސްޓްހައުސް ވިޔަފާރިތަކަށް އަމާޒުކޮށް އެމްއައިބީއިން ބާއްވާ މިފަދަ ދެވަނަ ސިމްޕޯޒިއަމެވެ. މިދިޔަ އަހަރުގެ ސިމްޕޯސިއަމްގައި 150 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ގެސްޓް ހައުސް އޯނަރުންނާއި ގެސްޓް ހައުސްގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިންވެސްޓަރުންނާއި ޓްރެވަލް އެޖެންޓުން ހިމެނެއެވެ.