ރާއްޖޭގައި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމަށް މިއަހަރުތެރޭ ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައްކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅޫވީ މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްނިއުސްއިން ގެނެސްދީން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި މިއަހަރުތެރޭ އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރުމަށް ހާއްސަ ދާއިރާތަކެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ރިސޯޓުތަކުގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއްކަމަށް ކަނޑައަޅާފައިވާކަމަށާއި، މިކަން މޮނިޓާރކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރު ވަރަށް ބޮޑު ފޯކަސްއެއް ކުރާނަން ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމާއި އަދި ބިދޭސީންނަށް ވަޒީފާދޭއިރު، މަސައްކަތް ދެވިގެންދާ ހާލަތުގައި އެމީހުން ތިބީ ގާނޫނީ އިމުގެތެރޭގައިތޯ ޔަޤީންކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެކަމޮޑޭޝަން ފެސިލިޓީތައް ރާއްޖޭގައި ޤާއިމްކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ވަޒީރު ވަނީ މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް މުޙިއްމު ކަމެއްކަމަށެވެ.
"އެތަކެއް ފަހަރުމަތިން ބޭރުގެ ފަރާތްތަކުން ފާހަގަކޮށްފައި އޮތް ކަމެއް، ރާއްޖޭގައި ބިދޭސީން ގެންގުޅެނީ އެކަށީގެންވާ ތަންތާގައި ނޫންކަން،" ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެ މިދިޔަ އަހަރުން ފެށިގެން ބިދޭސީން ޤާނޫނާ ޤަވައިދުގެ ތެރެއަށް ގެނައުމަށް ކުރެވުނީ ހިންހަމަޖެހޭ ފަދަ މަސައްކަތްތަކެއްކަމަށެވެ.
އަމާޒަކީ 3 އަހަރުދުވަހުގެތެރޭ ބިދޭސީންގެ މައްސަލަ ހައްލުކުރުންކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. ކުރިއަށް އޮތީވެސް ވަރަށް ބުރަ ދުވަސްތަކެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދެއްދެއްގެ މަސައްކަތްތެރިން ގެންގުޅޭ މީހުންނަށް ޚާއްސަކޮށްގެން ޤަވައިދުން ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދާނެކަމަށެވެ.