އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން އީރާނާ ގުޅުން ހުރި އިތުރު ވިޔަފާރިވެރިތަކަކާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެމެރިކާގެ ޚާރިޖީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އީރާނަށް ސާފު ނުކުރާ ތެލުގެ ބާވަތްތައް ފޯރުކޮށްދޭ ކަމަށް ބެލެވޭ ހަތް ވިޔަފާރިއަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ވިޔަފާރިތައް ނިސްބަތްވަނީ އެކުވެރި އަރަބި އިމާރާތާއި، ތުރުކީވިލާތުގެ އިތުރުން އީރާނަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅި ވިޔަފާރިތަކުގެ ތެރޭގައި ކަނޑުގެ ދެ އުޅަނދު ވެސް ހިމެނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފިޔަވަޅު އެޅި ވިޔަފާރިތަކުގެ ތެރޭގައި އީރާނުން ތެޔޮ ގަންނަ ފަރާތަކާއި ތެލުގެ ބާވަތްތައް ވިއްކާ ހަތަރު ފަރާތެއް ހިމެނޭ ކަމަށެވެ.
އީރާނާއި، އެ ޤައުމުގެ ރައްޔިތުންނާއި ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން މި ދަނީ، ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތަކުގެ ބޭނުމަކީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވުމެވެ. އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައިގަނޑު އަމާޒެކެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުން ކަމަށް އެމެރިކާއާއި ޔަހޫދީން ޤަބޫލު ކުރެއެވެ. އަދި، އީރާނުން ނިއުކްލިޔަަރ ހަތިޔާރެއް އުފެއްދުމަކީ ޔަހޫދީންނާއި ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް އެމެރިކާއާއި ޓްރަމްޕެވެ.
އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ މަޝްވަރާތަކުގެ ދަށުން މިހާތަނަށް ތިން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އޮމާނުންނެވެ. ބައްދަލުވުންތަކުގައި އީރާން ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ.
ތޭލާއި ގޭހުގެ ވިޔަފާރިއަކީ އީރާނަށް ބޭރު ފައިސާ ލިބޭ މައިގަނޑު ސިނާއަތެކެވެ. އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އެ ސިނާއަތުން ލިބޭ ފައިސާ އީރާނުން ޚަރަދު ކުރަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާކޮށް ފައްކާ ކުރުމަށް ކަމުގައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ތެދުވެ، ހަތިޔާރު އުފުލާފައިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައެވެ. އެ ޖަމާޢަތްތަކުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސާއި އިސްލާމިކް ޖިހާދު، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަދި ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހިމެނޭ ކަމުގައި ވެސް އެމެރިކާއިން ޤަބޫލު ކުރެއެވެ.