ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ އެކަމާމެދު ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ބޭރު ފައިސާ މާރުކުރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް ހިންގާ މިންވަރު އިތުރުވެފައިވާކަމަށް ސައިބަރ ކްރައިމް ޑިޕާޓްމަންޓަށް ފާހަގަކުރެވިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، ބޭރުފައިސާ މާރުކުރުމަށް މުޢާމަލާތްކުރާ މެސެޖިންގ އެޕްތަކުގެ (ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް) ގްރޫޕްތަކުގައި ސްކޭމަރުން ތިބޭނެކަމަށް ފާހަގަކުރެވިފައިވާކަމަށާއި، މިފަދަ މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
ފުލުހުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް ދާދި ފަހުންވެސް އެދިފައެވެ. އަދި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޤާއިމްވެސްކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.