ސައުދީ ޕްރޯ ލީގުގައި ރޭ އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް އަލް އިއްތިހާދު ޖެހިލައިފިއެވެ.
މި މެޗުން މޮޅުވުމާއެކު އަލް އިއްތިހާދަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން ޖުމްލަ 68 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އަށް 62 ޕޮއިންޓް ލިބިފައިވާއިރު އަލް ނަސްރު އަށް ލިބިފައިވަނީ 57 ޕޮއިންޓާއެކު ތިންވަނަ އެވެ.
ލީގުގައި ބާކީ ފަސް މެޗު ކުޅެން އޮތްއިރު ލީގު ޗެމްޕިއަންކަން ހޯދުމަށް އަލް އިއްތިހާދަށް މި ފަސް މެޗުން ބޭނުންވަނީ 9 ޕޮއިންޓެވެ. ނަމަވެސް ދެވަނައިގައި އޮތް އަލް ހިލާލް އަށް ޕޮއިންޓް ގެއްލިއްޖެނަމަ މި އަދަދު މަދުވާނެ އެވެ.
އަލް އިއްތިހާދުގެ ދަނޑުގައި ކުޅުނު މި މެޗުގެ 5 ވަނަ މިނިޓުގައި އިއްތިފާގުގެ ވިޓީނިއޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން އިއްތިހާދުގެ ޑެނީލޯ ޕެރޭރާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 35 ވަނަ މިނިޓުގައި ކެޕްޓަން ކަރީމް ބެންޒޭމާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް އިއްތިހާދުގެ ހުސެމް އައޮއާރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އިއްތިފާގުން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ޑެނީލޯ ޕެރޭރާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.