ޚަބަރު

ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ތާޢީދު: ރައީސް


  • ޕްރޮފަރެންޝަލް ވޯޓިން ނިޒާމުގައި އޮންނާނީ އިންތިޚާބުގެ އެއްބުރު

  • މިނިޒާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ތާޢީދު ކުރައްވާ

އެއްބުރުން ރިޔާސީ އިންތިޚާބު ނިމޭގޮތަށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގާއިމުކުރަން ތާޢީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އުފެއްދެވި ވަޓްސްއެޕް ޗެނަލަށް ކުރެއްވި މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ އެމަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ. މިނިޒާމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓު ދޭ ނިޒާމެކެވެ.

ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ރައީސުލްޖުމްޙޫރިއްޔާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާޢީދު ކުރައްވާފައެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގައި މިހާރު ރިޔާާސީ އިންތިޚާބު އޮންނަ ގޮތުން، އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭނީ ވޯޓުލާ ރައްޔިތުންގެ %50 އާއި އިތުރު 1 ވޯޓު ލިބިގެންނެވެ. އެހެން ނޫންނަމަ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެއެވެ. ރިޔާސީ ނިޒާމުގެ ފަހުން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިޚާބެއްގައިވެސް ރައީސް އިންތިޚާބު ކޮށްފައިވަނީ ދެ ބުރު ވޯޓު ލުމަށްފަހުއެވެ.

ރިޔާސީ އިންތިޚާބުގައި ދެ ބުރު ބާއްވަން ޖެހުމަކީ ޚަރަދުތައް އިންތިހާއަށް ބޮޑު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކުރައްވައެވެ.

ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވާގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދިއުމަށް ރައީސް ތާއީދު ކުރައްވާފައިވާއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުވެސް އެކުގައި ބޭއްވުމަށް އެމަނިކުފާނު ތާޢީދު ކުރައްވައެވެ.