ކުޅިވަރު

ޑޯޕިން ސަސްޕެންޝަނަށްފަހު ސިނާ އެނބުރި ޓެނިސް ކޯޓަށް


ތިން މަސް ދުވަހުގެ ޑޯޕިން ސަސްޕެންޝަނަށްފަހު އިޓަލީގެ ޔަނިކް ސިނާ ކުޅުމުގެ ތެރެއަށް އަނބުރާ އައުމަށް ތައްޔާރުވެއްޖެއެވެ. ޓެނިހުގެ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސަސްޕެންޝަނުން ވީއްލުމަށްފަހު ރެކެޓާއެކު ކޯޓަށް ނިކުންނަ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތަކީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތެވެ.

ސިނާ އަލުން ކުޅުމެއް ތެރެއަށް އައުމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ކަމަކަށްވާއިރު، އެކަމާ ގުޅިގެން ޑޭވިސް ކަޕުގައި ވާދަކުރާ އިޓަލީ ޓީމުގެ ކެޕްޓަން ފިލިޕޯ ވޮލަންޑްރީ ބުނެފައިވަނީ ކޯޓުގައި އޭނާ ކުރިން ދެއްކި ޖާދޫ ދައްކަން އަދި ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް ސިނާ މުބާރާތާ ކުރިމަތިލާނީ ފުލް ފޯމުގަކަމަށެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 23 އަހަރުގެ ސިނާއަށް ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް އައިސްފައިވަނީ މަނާ ބޭހަށް ދެ ފަހަރު ހެދި ޓެސްޓުތަކުންވެސް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އޭނާއަށް ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް ދީފަވަނީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ސިނާ ސަސްޕެންޑް ކޮށްފައިވާއިރު، އޭނާއަށް އަލުން ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ ކުރިއަށް އޮތް މެއި މަހުގެ ހަތަރުވަނަ ދުވަހަށްފަހުއެވެ.

މިދިޔަ އަހަރުގެ މާޗު މަހު ނެގި ދެ ޓެސްޓަކުން ސިނާ ޕޮޒިޓިވް ވެފައިވާއިރު، އޭރު އޭނާއަށް ދީފައިވަނީ ޕްރޮވިޝަނަލް ސަސްޕެންޝަނެކެވެ. އެހެންކަމުން އެދުވަސްވަރު ކުރިއަށްދިޔަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޭރު އޮތީ އޭނާއަށް ހުޅުވިފައެވެ.

ސިނާގެ ސަސްޕެންޝަން މި މަހުގެ ހަތަރުވަނަ ދުވަހު ހަމަވާއިރު، އޭގެ ތިން ދުވަސް ފަހުން ފަށާ ރޯމް މާސްޓާސް މުބާރާތުން އޭނާ ފެނިގެންދާނެއެވެ. އެކަމަށް އިޝާރާތްކޮށް އޮސްޓްރޭލިއާ ޓީމުގެ ކެޕްޓަން ވޮލަންޑްރީ ބުނެފައިވަނީ ސިނާގެ އެނބުރި އައުން ރޯމް މާސްޓާސްއިން ފެނުނުކަމަށްވެސް އޭނާގެ ޓޮޕް ގިއަރުގައި ފެންނާނެ މުބާރާތަކީ އަންނަ މަހުގެ 25 ވަނަ ދުވަހު ފަށާ މި އަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކަމަށެވެ.

"ސިނާގެ ފޯކަސް ހުރީ ފްރެންޗު އޯޕަންއަށް. އެ މުބާރާތަކީ ދިގު، އަދި ބުރަ މުބާރާތެއް. މުބާރާތުގެ ގަދަ ފަހެއް ހޮވާ މެޗުތަކަކީ ވަރުބަލިކޮށްލާ އުނދަގޫ މެޗުތަކެއް." އިޓަލީގެ ލަގަޒެޓާ ޑެލޯ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވޮލަންޑްރީ ބުނެފަވެއެވެ.

އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ހަދާފައިވާ ތަމްރީނުތަކުގެ ސަބަބުން ދުރު ރާސްތާއަކަށް ފައިދާކުރާނެކަން ވޮލަންޑްރީ ފާހަގަކުރިއެވެ.

"ފިނި މޫސުމުގެ ޕްރީ-ސީޒަނެއް އެއްކޮށް ފުރިހަމަކޮށްލުމުގެ ނަސީބު ސިނާއަށް މީގެ ކުރިއަކުން ލިބިފައެއްނެތް. އެހެންވީމަ އޭނާއަށް މިލިބުނު ބްރޭކަކީ ވަރަށް ރަނގަޅު ބްރޭކަކަށްވާނެ. އެއްކޮށް ރިޗާޖްވެގެން ސިނާ ދެން ކޯޓަށް އަރާނީ." ވޮލަންޑްރީ ބުނެފައިވެއެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފަރިތަކުރުންތަކަށް އެނބުރި އައުމުގެ ހުއްދަ ސިނާއަށް ލިބިފައިވާއިރު، އޭނާ ވަނީ ވަނީ މޮންޓެ ކާލޯގައި ފަރިތަކުރުންތައް ބާއްވައި، ކުރިއަށްހުރި މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއަން ވެލްސް ޗެމްޕިއަން ހޯދާފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާއާއެކު ޕްރެކްޓިސް މެޗުތަކެއް ކުޅެފައެވެ.