ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެ ގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް ޢިމާރާތުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ.
އަދި 2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ނޮވެންބަރު މަހުން ފެށިގެން ދުންފަތް މަނާކުރުމަށް ނިންމެވީވެސް ނިމުނު ހަފުތާގައެވެ. މިކަން ފަހިކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރައްވަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސަޢުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުލްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު އިސްރާޢީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާޙު މަޖިލީހުން ފާސްކުރެއްވީވެސް ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ބިލު ފާސްކުރެއްވުމާއެކު ވަގުތުން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ 4ވަނަ އެޕިސޯޑު ދައްކާފައިވަނީވެސް ނިމުނު ހަފުތާގައެވެ. މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންކަމުގެތެރޭގައި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރާ ބިލު މިމަހު މަޖިލީހެއް ހުށައަޅާނެކަން ހާމަކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްކަމަށްވާ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ނިމުނު ހަފުތާގައި ވަރަށް ހިތާމަވެރި ޚަބަރެއްވެސް ލިބުނެއެވެ. އެގޮތުން ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކުރުން ފާހަގަކޮށްލެވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސަޢުދީ ފަންޑުގެ ސީއީއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މީގެ އިތުރުން ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ލޯނު އެހީ ދިނީވެސް ނިމުނު ހަފުތާގައެވެ. މިކަމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
ނިމުނު ހަފުތާގައި ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް 50 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލި ޚަބަރު ފާހަގަކޮށްލެވެއެވެ. މި ސްކޮލަރޝިޕްތައް ދެނީ ފިޤުހާއި ޝަރުޢީ އެކި ޢިލްމުތަކާއި އިސްލާމިކް ވިޔަފާރިއާ ގުޅޭ އެކިއެކި ދާއިރާތަކުން ކިޔެވުމަށެވެ.
މީގެ އިތުރުން އެކައުންޓިންގެ ދާއިރާއިން ތަމްރީނުވުމަށް ހުޅުވާލި 100 ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކުރީވެސް ނިމުުނު ހަފުތާގައެވެ. މި ސްކޮލަރޝިޕްތައް ދެނީ ދިވެހި ސަރުކާރުންނެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށްފައިވަނީ ނިމުނު ހަފުތާގައެވެ. އަދި ނ.ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށާފާވާއިރު، ދ. އަތޮޅު ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ދ.އުއްދޫ ހުޅުވާލާފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ށ.އަތޮޅު ކައުންސިލުން ފަށާފާވާއިރު، ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދޭ ކްލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވާފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ އިޤުތިޞާދީ، ތަޢުލީމީ އަދި އެހެނިހެން ދާއިރާތަކުންވެސް ޚަބަރުތައް ނޫސްތަކުގެ ސުރުޚީތަކުން ފެނުނު ހަފުތާއެއްގެ ގޮތުގައެވެ.