ޚަބަރު

އީ-ވޯޓިން ގެ ގެއްލުމާއި ފައިދާ "ފެމްބޯސާ" ބައްދަލުވުމުން ހާމަވާނެ


ޓެކްނޮލޮޖީގެ ސަބަބުން އިންތިޚާބުތަކަށް ކުރާނެ އަސަރާއި، ޓެކްނޮލޮޖީން އިންތިޚާބަށް ވާނެ ފައިދާތައް، އަންނަމަހު ބާއްވަވާ މި ސަރަޙައްދުގެ އިންތިޚާބީ އިދާރާތަކުގެ އިސްވެރިންގެ ބައްދަލުވުމުން، އެނގިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއީ، މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު ބައްދަލުވުމެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ. ސަބަބަކީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ-ވޯޓިންގ ނިޒާމް ބޭނުންކުރަން ފަށްޓަވާނެތީއެވެ.

ފޯރަމް އޮފް އިލެކްޓޯރަލް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ، "ފެމްބޯސާ"ގެ މި އަހަރުގެ ބައްދަލުވުން އޮންނާނީ، އަންނަ އޮގަސްޓް މަހުގެ 2 ން 4 އަށް ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. މި ބައްދަލުވުމުގައި ސައުތު އޭޝިއާ ސަރަޙައްދުގެ 8 ޤައުމަކުން އިލެކްޝަންސް ކޮމިޝަންތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއީ، ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ބައިވެރިވާ 8 ޤައުމުންވެސް މި ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ،  ޓެކްނޮލޮޖީއާއި ގުޅުންހުރި އިންތިޚާބަށް، ޓެކްނޮލޮޖީން އަސަރުކުރާނެ މިންވަރާ ގުޅޭގޮތުންނެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން އިންތިޚާބުތަކަށް ލިބޭނެ ކުރިއެރުމާއި، ދެފުށްފެންނަ އިންތިޚާބެއް ކުރިއަށްގެންދިއުމަށްޓަކާ މިކަމުން ވާނެ ފައިދާއާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި މަޢުޟޫއު މިއަހަރު ރާއްޖެއަށް މުހިންމުވަނީ، އަންނަ ޖެނުއަރީމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ރާއްޖޭގައި ޓެކްނޮލޮޖީ ނުވަތަ އީ ވޯޓިންގ ބޭނުންކޮށްގެން ބާއްވާ ފުރަތަމަ އިންތިޚާބުކަމަށް ވާތީ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މި ސަރަޙައްދުގެ އިލެކްޝަންސް ކޮމިޝަންތަކުގެ ޖަމިއްޔާގެ ރިޔާސަތާ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން މިބައްދަލުވުމުގެ ތެރެއިން ހަވާލުވާނެ ކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ އިންތިޚާބުތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ކުރާނެ ފައިދާ އަކްރަމް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަގޮތެއްގައި އެކޮމިޝަންގެ މުވައްޒަފުންނަށް ލިބޭ ތަޖުރިބާއާއި ތަމްރީން ފާހަގަކުރެއްވިއެވެ.

"ފެމްބޯސާ" މިބައްދަލުވުމަކީ، ދެކުނު އޭޝިއާގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމާއި، މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އެކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމުގެ ބޭނުމުގައި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.