އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހޭ މީހުން، ބަހާލައިގެން ފައިސާ ދެއްކޭގޮތަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 60 މީހަކާއެކު އެއްބަސްވުންހަދައި، ބަހާލައިގެން ފައިސާ ދެއްކޭގޮތަށް ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޖޫރިމަނާ ފީތައް ބަހާލައިގެން ދެއްކޭނެ ގޮތް ސަރުކާރުން ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ގެޒެޓްކުރައްވާފައިވާ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހާއިލައިގެން ދެއްކުމުގެ ޤަވާއިދުގެދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް، އުސޫލުތަކާއި ޤަވާއިދުތައް އިސްލާހުކުރުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމަކީވެސް މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ރައްޔިތުންނަށް އެހީވުމަށް ގެނައި ބަދަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ މި ފުރުޞަތަށް އެދުނު މީހުންގެ ތެރެއިން ގިނަ މީހުންނާއެކު އެގްރިމަންޓް ހަދައި ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ. މި ފުރުޞަތަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
"125 މީހުން ބަހާލައިގެން ޖޫރިމަނާ ދައްކަން ހުށައެޅި. އޭގެތެރެއިން 60 މީހުންނާއެކު އެގްރިމަންޓް ހަދައި، ފަސޭގަ އިންތިޒާމެއް ވަނީ ހަމަޖައްސައިދީފައި. ބާކީ ތިބި މީހުންނާއެކުވެސް ވަރަށް އަވަހަށް އެގްރިމަންޓް ހަދާނަން. މިއީ ދެވުނު ވަރަށް ބޮޑު ލުޔެއް." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި އުސޫލުގައިވާގޮތަން ލުއިދީފައިވަނީ، އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި 5000 ރުފިޔާއަށްވުރެ މަތިން ފައިސާ ދައްކަން ޖެހޭ މީހުންނަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހުއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލްކުރުމުގެ އިޙްތިޔާރުވެސް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ލިބިދެއެވެ.