ދިވެހިރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަހީމް ޢަބްދުލްލަޠީފް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އަޒަރބައިޖާނަށް ނޮން-ރެޒިޑެންޓް ސަފީރެއްގެ ގޮތުގައި ޢަބްދުއްރަހީމް ޢަބްދުލްލަޠީފް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފާވާއިރު، އޭނާ މިވަގުތު ހުންނެވީ ތުރުކީވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޢަބްދުއްރަހީމް ޢަބްދުލްލަޠީފްގެ ނަން ދިރާސާކުރުމަށްފަހު ވަނީ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އޭނާ ޢައްޔަންކުރައްވަން ފެންނަކަމަށް ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ ޢަބްދުއްރަހީމް ޢަބްދުއްލަޠީފަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.
ބޭރު ޤައުމުތަކަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.