އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ހަތަރުވަނަ މަގާމު މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.
މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 55 ޕޮއިންޓާއެކު ތާޥަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ފަސްވަނައިގައި އޮތް ޗެލްސީ އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓް ލިބިފައިވާއިރު ހަވަނައިގައި އޮތް ނިއު ކާސަލް ޔުނައިޓެޑް ދެ މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފަ އެވެ.
އަދި މެޗުގެ ފުރަތަމަ 21 މިނިޓުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮތުމުން މިއީ އަނެއްކާވެސް ސިޓީއަށް ހިތްދަތި ނަތީޖާއަކަށް ވެދާނެކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ޑިފެންޑަރުންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު އޭގެ ފައިދާ ނަގާ މެޗުގެ 8 ވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ އެބެރެޗީ އެޒޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 21 ވަނަ މިނިޓުގައި ކްރިސް ރިޗަޑްސް ވަނީ އިތުރު ލަނޑެއް ކަމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި ލަނޑަށްފަހުވެސް ކްރިސްޓަލް ޕެލަސް އިން ވަނީ އިތުރު ލަނޑެއް ސިޓީގެ ގޯލަށް ވައްދާލާފަ އެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ 25 މިނިޓަށްފަހު މެންޗެސްޓަރ ސިޓީއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށް ކްރިސްޓަލް ޕެލަސްގެ ގޯލަށް ނުރައްކާކުރަން ފަށާފަ އެވެ.
އެގޮތުން މެޗުގެ 33 ވަނަ މިނިޓުގައި ކެޕްޓަން ކެވިން ޑެބްރޫނިއާ ވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން އުމަރު މަރްމޫޝް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ސިޓީ އާއި ގުޅުނު ފަހުން މަރްމޫޝް އެ ޓީމަށް ޖަހައިދިން ހަތްވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި މިޑްފީލްޑަރ މަޓިއޯ ކޮވަސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޭމްސް މެކާޓީ އެވެ. އަދި މެޗުގެ 79 ވަނަ މިނިޓުގައި ނިކޯ އޮރެއިލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ.