ރައްޔިތުން ބާރުވެރިކުރުމަށްޓަކައި ކައުންސިލްތަކުން މިހާތަނަށް ކޮށްފައިވަނީ ވަރަށް ކާމިޔާބު މަސައްކަތެއްކަމަށް ވިދާޅުވެ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ކައުންސިލްތަކަށް ތަޢުރީފްކުރައްވައިފިއެވެ. އެމަނަިކުފާނު މިފަދައިން ވިދާޅުވީ އއ. އުކުޅަހުގައި ކުރިއަށްދާ "ރަށްވެހިންގެ ސައްލާ"ގައި ދެއްކެވި ވާހަކަފުޅުގައެވެ.
އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ 'ރަށްވެހީންގެ ސައްލާ' ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އައު ނިޒާމެއް ނޫންކަމަށެވެ. އެހެންނަމަވެސް މި ނިޒާމަށް ގާނޫނީ ބާރުވެރިކަން ލިބިގެން ދިޔައީ ފެހި ގާނޫނޫ އަސާސީ ވުޖޫދުވެގެން އައިފަހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މިހާތަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަަމަށެވެ. އެމަސައްކަތްތަކުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެފައިވާކަމަސާއި، މިހާރު މި ނިޒާމަކީ ރައްޔިތުން ބަލައި ގަންނަ އެއްޗަކަށް ވެފައިވާކަމަށެވެ.
ކައުންސިލްތަކަށް މާލީ ބާރުވެރިން ދިނުމުގެ އިތުރުން ސަރުކާރުންވަނީ ރަށްރަށުގެ އިޚްތިޞާސް ބޮޑުކޮށް، ކައުންސިލްތަކަށް ވިޔަފާރިއާއި މަޝްރޫޢުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވާފައެވެ. އެހެންކަމުން ކައުންސިލްތަކުން އަންނަނީ ރަށްރަށުގައި ރައްޔިތޔުންގެ ކުރިއެރުމާއި ފައިދާއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ 'ރަށްވެހީންގެ ސައްލާ' ފޯރަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ފޯރަމެއްކަމަށެވެ. އަދިރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެ ފޯރަމުން އެނގިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމުހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެ." ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދާދިނުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަންކަމަށާއި ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުންކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.