ޚަބަރު

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 34.7 މިލިޔަން ރުފިޔާ، މިއީ %47.6 އިތުރު އަދަދެއް


  • މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބުނީ 23.5 މިލިޔަން ރުފިޔާ

  • މާރިޗު މަހު މުދަލު ޒަކާތުގެގޮތުގައި 23.5 މިލިޔަން ރުފިޔާ ވަނީ ލިބިފައި

  • މިދިޔަ އަހަރުގެ މާރިޗު މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނީ 14.1 މިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް 34.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބުނު 23.5 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %47.6 އިތުރު އަދަދެކެވެ.

3 މަސް ދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދެވެ.

އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 101.9 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2023ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެގޮތުގައި 23.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 14.1 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 66.6% އިތުރު އަދަދެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިދިޔަ ޖަނަވަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ.

މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.

ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބެންކު (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.

ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން 1 (އެކެއް) އަހަރު ހަމަވުމުންނެވެ. 2016ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.