ޚަބަރު

ކައުންސިލްތަކާއި ވުޒާރާގެ ގުޅުން ވަރުގަދަ، ކައުންސިލްތަކަށް ދިމާވާ ދަތިތަކަށް މިހާރު ޙައްލުލިބޭ: ވަޒީރު


  • އަމާޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރިކުރުވުން

  • ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެއްޖެ

ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާބެހޭ ވުޒާރާވެފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސްކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްވަމުންނެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭ ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމެވެ. މިދިޔަ އަހަރުވެސް އެ ވުޒާރާއިން ވަނީ މިފަދަ ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ.

މަސައްކަތު ބައްދަލުވުން ފަށްޓަވައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ވުޒާރާގެ އަމާޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރިކުރުވައި ރަށްވެހި ތަރައްގީ ގެނުވައިދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އެ ވުޒާރާ އުފެދުނީއްސުރެ މިހާތަނަށް އެ އަމާޒު ހާސިލްކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސިޓީތަކާބެހޭ ވުޒާރާގެ އަމާޒުތައް ހާސިލްކުރެއްވުމަށް އެ ވުޒާރާއިން ހަތަރު ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގާ ޖަވާބުދާރީވަނިވި ތަންތަނަށް ހެދުމުގެ އިތުރުން އެލްޖީއޭއާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވާލަދިނުމަށް މަސައްކަތްކުރުމެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ކައުންސިލްތަކާއި ވުޒާރާއާ ގާތްގުޅުމެއް އުފެދިފައިވާ ކަމަށާއި، ކައުންސިލްތަކަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ބާރޯސާވާ އަދި އިތުބާރުކުރެވޭ ވުޒާރާއަކަށް އެ ވުޒާރާ ވެފައިވާކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަޅުގަނޑުމެންގެ މިނިސްޓްރީގެ މުވައްޒަފުންނަކީ ވަރަށް ޒިންމާދާރު ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރައްވާ، ނަތީޖާ ނެރެދެއްވާ އަދި އެ ނަތީޖާ ނުނެރެވޭނަމަ ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑު އުއްމީދުކުރަނީ މި މަސައްކަތްތަކާއެކީގައި މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކު މަސައްކަތް ކުރެވޭ، ރައްޔިތުންނާއެކު މަސައްކަތް ކުރެވޭ، ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވެވޭގޮތަށް މަސައްކަތް ކުރެވޭ ތަނެއްގެ ގޮތުގައި މަސައްކަތް ކުރުން،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން އެ މަގުސަދުތައް ހާސިލްކުރުމަށް ކިހާވަރެއްގެ މަސައްކަތްތަކެއް ކުރެވޭތޯ ދެނެގަނެ މިހާރު އަމަލު ކުރަމުންދާ އުސޫލުގައި ރަނގަޅުކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާގެ ސިޔާސީ މުވައްޒަފުންނާއި ސިވިލް މުވައްޒަފުން ހިމެނޭހެން 65 މުވައްޒަފުން ބައިވެރިވިއެވެ.