ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެއްޖެއެވެ.
އެމް.ޓީ.ސީ.ސީއިން ވިދާޅުވީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ ބޮޑު ހިލަ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު މުޅި މަޝްރޫޢުގެ %64 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 2021ވަނަ އަހަރު ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރު ޖެނުއަރީ މަސްތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރ.އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށްށެވެ.