އަރިއަތޮޅު އުތުރުބުރީ އުކުޅަހު މަގު ހެދުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ހައި ވޮލްޓޭޖް ކޭބަލް ޖަންގްޝަންތައް އެޅުމުގެ މަސައްކަތްކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، އއ. އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫޢު މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ %40 ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އެޅުމުގެ މަސައްކަތުގެ އިތުރުން ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އުކުޅަހު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 2678 މީޓަރުގެ 10 މަގު ތަރައްޤީކުރުމުގެ އިތުރުން، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކޮށް ސެޓްލްމަންޓް ޓޭންކުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަކަމީޓަރުގެ ޕޭމަންޓް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މީގެއިތުރުން، 14,452 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، މި މަޝްރޫއުގެ ދަށުން ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢުގެ ދަށުން މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ރަށުގައި ފެން ބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ތަަރައްޤީވެގެންދިއުމާއެކު އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހައެއްވާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މިމަޝްރޫއަކީ ސަރުކާރުން 56.11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިމުގެ ބޮޑުމިނުގައި 23 ހެކްޓަރު ހުންނަ އުކުޅަހަކީ އއ. އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ރަށެވެ. އެރަށުގައި 1100އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.