ޚަބަރު

މާވަށު ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފި


  • އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • އަންނަ ހަފުތާގައި ޚިދުމަތް ދެވޭނެ

ލ. މާވަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެރަށަށް 800 ކިލޯ ވޮޓުގެ އައު އިންޖީނެއް ގެންގޮސްފިއެވެ.

މާވަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

މާވަށަށް ގެންދިޔައީ 800 ކިލޯ ވޮޓުގެ އިންޖީނެއް ކަމަށާއި މިހާރު އެ އިންޖީނު އިންސްޓޯލް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. އެ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށް ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު 53 ރަށަކަށް 61 ޖަނަރޭޓަރު ސެޓު ފެނަކައިން ވަނީ ފޯރުކޮށްދީފައެވެ.