ފިޠުރު ޢީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ނިންމާލައިފިއެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ. މިފަހަރުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭގައެވެ.
މިދިޔަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުން ފެށި "ޢީދު އަލި" ހަރަކާތުގައި ކުލަ ބޮކިތަކާއި ގިޑިގެތަކުން ދިއްލާފައިވަނީ ރާއްޖޭގެ ބޮޑެތި ސިޓީތައް އެކަންޏެވެ. ނަމަވެސް މި ހަރަކާތަށް ލިބުނު ތަރުހީބާއެކު މިއަހަރުގެ ފިޠުރު ޢީދަށް އިތުރު 36 ރަށެއް ވަނީ ދިއްލާފައެވެ. އެއީ ސިޓީތަކުގެ އިތުރުން ކޮންމެ އަތޮޅަކުންވެސް ދެ ރަށެވެ.
ޢީދުގެ ޢަލީގެ އިތުރުން މިދިޔަ އަހަރު ޢީދު އަލި ދިއްލި ރަށްރަށުގައި ވަނީ ތަކުބީރުގެ އަޑުވެސް އިއްވާފައެވެ. ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. މިކަންވެސް އެންމެ ފުރަތަމަ ފެއްޓެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ މޭޔަރުކަމުގައި ހުންނަވައިގެންނެވެ.
ޢީދަށް ރަށްތައް ދިއްލުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެެވެ. އެ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދަށް ފެށި ޢީދު އަލި ދިއްލުމުގެ ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ނިންމާލާފައިވާ ކަމަށެވެ.
ސިޓީތަކާބެހޭ ވުޒާރާއިން ވަނީ މިފަހަރު ޢީދު ލައިޓު ދިއްލި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި ޢީދު ދިއްލުމުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވުމަށް އެ ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި ރަށްތަކަށް ފޮނުވާފައިވާ ލައިޓުތައް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން ލައިޓްތަކާއި ގިޑިގެތަކާއި ސްޕީކަރުތައް ނަގައި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސިޓީތަކާބެހޭ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.