ޚަބަރު

މިޞްރުގެ "ރަޙުމުގެ މޭޒު"، މިއީ އެތައް ބަޔަކަށް ރޯދަވީއްލުން ހަމަޖައްސައިދޭ ޚާއްޞަ މޭޒެއް


މިޞްރުގެ ސައްޔިދާ ޒައިނަބު މިސްކިތަކީ އެ މިސްކިތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަައްލަމްގެ ކާފަދަރިކަނބަލެއް ކަމަށްވާ ޒައިނަބް ބިންތި ޢަލީ ފަސްދާނުލެވިފައިވާ ކަމަށް ބުނާ މިސްކިތެކެވެ. އެހެންކަމުން އެ ސަރަޙައްދަކީ މިޞްރުގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ސަރަޙައްދެކެވެ.

ކޮންމެ ރަމަޟާން މަހަކު ވެސް އިރުއޮއްސުމަށް ގަޑިއެއްހާއިރު އޮއްވައި އެ މިސްކިތް ކުރިމައްޗަށް ވާ ގޮތަށް އޮންނަ މަގަށް ގިނަ ޢަދަދެއްގެ މީހުން ޖަމާވާން ފަށައެވެ. އެއީ މިސްކިތް ކުރިމައްޗަށް ވާ ގޮތަށް އެ މަގުގައި "ރަޙުމުގެ މޭޒު"ގެ ނަމުގައި މޭޒުތަކެއް ޖަހައި، ބަންގި ގޮވާ ވަގުތު އެ ސަރަޙައްދުން ދަތުރު ކުރާ މީހުންނަށާއި ފަޤީޜުންނާއި މިސްކީނުންނަށް އެ މޭޒުތަކުގައި ކެއުން ތައްޔާރު ކޮށްފައި ހުންނާތީއެވެ. މިއީ ދަރުމަވެރިންތަކެއް ހިލޭ ސާބަހަށް ކޮށްދޭ މާތް މަސައްކަތެކެވެ.

ރަޙުމުގެ މޭޒުތައް ބަހަށްޓަކައި ހިލޭ ރޯދަވީއްލުން ދިނުމަކީ މީލާދީން 800 ގެ އަހަރުތަކުން ފެށިގެން ވެސް މިޞްރުގައި ކުރަމުން އަންނަ މަސައްކަތެކެވެ. ތާރީޚުން އެނގޭ ގޮތުގައި 872 ވަނަ އަހަރު މިޞްރުގެ އޭރުގެ ވެރިޔާ އަޙްމަދު އިބްނު ތުލޫންގެ ވެރިކަމުގައި ވެސް އެކި ސަރަޙައްދުތަކުގައި މި ފަދަ މޭޒުތައް ބަހައްޓަވައި އެތައް ބަޔަކަށް ކާބޯތަކެތި ފޯރު ކޮށްދެއްވިއެވެ. ނަމަވެސް މި ފަދަ ޙަރަކާތް ފުޅާ ދާއިރާއެއްގައި ހިންގަން ފެށީ 953ވަނަ އަހަރުން ފެށިގެންނެވެ. މި މަސައްކަތް މިއަދު މި ވަނީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ވަމުން ގޮސް މިއަދު ވެސް ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި މިޞްރުގެ ރައްޔިތުންނާ ހަމައަށް ފޯރާފައެވެ.

އިޤްތިޞާދީ އެތައް ދަތިތަކެއް ކުރިމަރިވެފައިވާ މިޞްރަށް މި މޭޒުތަކުގެ މުހިންމުކަން ފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނާއި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މިޞްރުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައިފައެވެ. 2023ވަނަ އަހަރު އެ ޤައުމުގެ ތަކެތީގެ އަގު ވަނީ ރެކޯޑު 41 އިންސައްތައަށް އިތުރުވެފައެވެ. 2020ވަނަ އަހަރު ސައްޔިދާ ޒައިނަބުގައި ރަޙުމުގެ މޭޒުގެ މަސަކަތް ފެށުމުގައި އިސްކޮށް ޙަރަކާތްތެރިވި މުސްޠަފާ ބުނީ އެ މޭޒު ތައްޔާރު ކުރުމަށް އެ މީހުން ނިންމީ ކޮންމެ ރަމަޟާން މަހަކު ވެސް ބޭނުން ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުން ދާތީ ކަމަށާއި އެ އަވަށުގައި ހުރި އެފަދަ އެހެން މޭޒުތަކުން ނުފުދޭތީ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ރަޙުމުގެ މޭޒުތައް ދޮށުގައި އެތައް ބަޔަކު އުޅެއެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނާއި މުސްކުޅިން ވެސް ހިމެނޭގޮތުންނެވެ. މޭޒުތައް ދޮށުގައި ތިބޭ އެންމެންނަކީ ވެސް އެއް ޢާއިލާއަކަށް ނިޞްބަތްވާ ވަރަށް ގާތް ބައެއް ކަހަލައެވެ. ބައެއް މީހުންނަކީ މުޅިން އަލަށް އެކަކު އަނެކަކާ ބައްދަލުވާ ބައެއް ހެން ވެސް އެ މޭޒުގެ ދޮށުގައި ތިބޭ އިރު ހީ ނުވެއެވެ. ބައެއް ފަހަރު މޭޒުގެ ޚިދުމަތުގައި މަސައްކަތް ކުރާ ދަރުމަވެރިންގެ ދަރިން ވެސް ބަލަހައްޓައި ދެނީ މޭޒުތަައް ދޮށުގައި އެއްވެ ތިބޭ މީހުންނެވެ.

ދަރުމަވެރިންގެ ތެރޭގައި ވެސް އެކި އުމުރުފުރައިގެ ކުދިބޮޑު އެންމެން ޙަރަކާތްތެރިވެއެވެ. ގިނައީ ސައްޔިދާ ޒައިނަބް އަވަށަށް ނިޞްބަތްވާ މިހުންނެވެ. އެ މީހުން މޭޒުތައް ދޮށަށް ރޯދަ ވިއްލަން އަންނަ މީހުންނަށް ދިނުމަށް ކާބޯތަކެތި ޓްރޭތަކުގައި އަތުރައެވެ. މި މީހުން ބަހާ ޕެކުތަކުގައި ހިމެނެނީ ފެން ފުޅިއަކާއި ޖޫސް ޕެކެޓަކާއި ކަދުރަކާއި ބަތާއި އަލުއްވާއި ކުކުޅެވެ. މި އެންމެން ވެސް ތިބެނީ ރޯދަ އަށެވެ. ނަމަވެސް ކަދުރަކުން ރޯދަ ވިއްލައިލުމަށް ފަހު އެ މީހުން ކަނީ މޭޒުތައް ދޮށަށް ކޮންމެ ދުވަހަކު ވެސް އަންނަ 400އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ ޚިދުމަތް ކޮށްދިނުމަށް ފަހުގައެވެ.

ރަޙުމުގެ މޭޒުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ދަރުމަވެރިއެއް ކަމަށްވާ ޢުމުރުން 40 އަހަރުގެ ޙަމްދީ އަކީ ސަައްޔިދާ ޒައިނަބް އަވަށުގައި ދިރިއުޅޭ މީހެކެވެ. އޭނާއަކީ އެ ސަރަޙައްދުގެ ބާޒާރުގައި ކުޑަކުޑަ ކޮފީ ޝޮޕެއް ހިންގާ މީހެކެވެ. ޙަމްދީ ބުނީ ރަޙުމުގެ މޭޒުތައް މެދުވެރިކޮށް ރޯދަ ވިއްލާނޭ ކެއުން ފޯރުކޮށްދިނުމަކީ ބަޔަކު އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ. ފާއިތުވި ފަސް އަހަރު ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޙަމްދީ ބުނީ މިޞްރުގެ ކޮންމެ ސަރަޙައްދެއްގައި ވެސް ކޮންމެ 10 މީޓަރަކުން ހެން މިފަދަ މޭޒެއް ބަހައްޓާފައި ހުންނަ ތަން ފެންނާނެ ކަމަށެވެ. މިޞްރުގެ ރައްޔިތުންނަކީ އަބަދު ވެސް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހޭވައްލާ ތައްޔާރަށް ތިބޭ ބައެއް ކަމަށް އޭނާ ބުންޏެވެ.

ޙަމްދީއެކޭ އެއްގޮތަށް ރަޙުމުގެ މޭޒުތައް ހިންގުމުގައި މަސައްކަތްކުރާ ގިނަ ދަރުމަވެރިންނަކީ ބާޒާރުގައި ކުުދިކުދި ގޮޅިތަކާއި މޭޒުތައް ހިންގާ ވިޔަފާރި ކުރާ މީހުންނެވެ. ކާބޯތަކެތި ފޯރުކޮށް ދިނުމަށް ރަޙުމުގެ މޭޒުތައް ދޮށުގައި މަސައްކަތް ކުރުމަށް ފަހު ދެން އެ މީހުން އަވަސްވެ ގަންނަނީ މަސައްކަތައިގެންނެވެ. ރަމަޟާން މަހަކީ އެ މީހުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށްދާ މަހެކެވެ. ނަމަވެސް އެ ކަމާމެދު މާ ބޮޑަށް ނުވިސްނާ އެ މީހުން މަސްޢޫލު ވަނީ އެހެން މީހުންނަށް އެހީތެރިވުމުގައެވެ.

‘ރަމަޟާން މަހު މިޞްރާ އެއްފަދަ ދެވަނަ ތަނެއް ނުހުންނާނެ. އަހަރެމެންނަށް ގަލްފުގެ އެކި ޤައުމުތަކުން އެކި ގޮތްގޮތުން އެހީތައް ލިބޭ. އެ ކަމަކު މި ވަރުގެ ޙަރަކާތެެއް އެ ޤައުމުކަށް ވެސް އިންތިޒާމު ނުކުރެވޭނެ. މި މަސައްކަތް ކުރުމަށް މީހުން ދެނީ ހަމައެކަނި ލާރިއެއް ނޫން. މި ތަނަށް އައިސް އެ މީހުންގެ ވަގުތު ވެސް ދޭ. ކައްކަން ބޭނުންކުރާ ސާމާނު ވެސް ހަދިޔާ ކުރޭ، ޚިދުމަތް ވެސް ކުރޭ’، ޙަމްދީ ހީލާފައި ބުންޏެވެ.

ރަޙުމުގެ މޭޒުތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި މައިގަނޑު ގޮތެއްގައި ޙަރަކާތްތެރި ވަނީ ސައްޔިދާ ޒައިނަބްގެ ބާޒާރުގައި ގޮޅިތައް ހިންގާ 15 ވަރަކަށް މީހުންނެވެ. އެންމެ ދުވަހެއް ވެސް ވައްޓައި ނުލާ އެ މަސައްކަތް އެ މީހުން ކުރިއަށް ގެންދެއެވެ. ބަދިގޭގެ ބައި ބަލަހައްޓަނީ ޒުވާން މުސްޠަފާއެވެ. އޭނާއަކީ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ކައްކާ އެކި ބަދިގެ ތަކުގައި މުޅި އަހަރު މަސައްކަތް ކުރާ ޒުވާނެކެވެ. މި އެންމެންގެ މަސައްކަތުގައި ބަރަކާތް ލައްވަވައި ކަންކަން ރަނގަޅަށް ހިންގަނީ މާތް اللهގެ ވާގިފުޅުން ކަމަށް ޙަމްދީ ބުންޏެވެ.

‘މިތާކު އެކަކަށްވުރެ އަނެކަކު މައްޗެއް ނުވާނެ. ހުރިހާ މަސައްކަތެއްގައި ވެސް އުޅެނީ އެހީތެރިވުމުގެ ނިޔަތުގައި މި ތަނަށް އަންނަ މީހުން. ވަކި މީހަކު ކުރާ ވަކި މަސައްކަތެއް ނޯވޭ. އަހަރެމެން ހުރިހާ ކަމެއް ދޫކޮށްލަނީ اللهއަށް،’ ޙަމްދީ ބުންޏެވެ.

ރަޙުމުގެ މޭޒުތަކުން ކާން ލިބެނީ ހަމައެކަނި ފަޤީރުންނަކަށް ނޫނެވެ. ހަމަ ކޮންމެ މީހަކު ވެސް އެ ތަނުން ކާންވީ އެވެ. އެއީ ކޮން ފެންވަރެއްގެ ކާކުތޯ އެއްވެސް މީހަކު ސުވާލެއް ނުކުރާނެއެވެ. ރޯދަ މަހު އެކަނިވެރިވާ، ޢާއިލާއެއް ނެތް ގިނަ ޢަދަދެއްގެ މީހުން ވެސް އެކަނިވެރިކަން ފިލުވާލުމަށް އެ ތަނަށް ދެއެވެ.

ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށްވާ ޙަސަން ބުނީ އޭނާ މި މަސައްކަތުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެ ތަނުގައި އެއްކޮށް މަސައްކަތް ކުރާ މީހުންނަކީ މިއަދު އޭނާގެ އަޚުން ފަދައެވެ. އޭނާ ބުނީ ކޮންމެ ރަމަޟާން މަހަކު ވެސް އެންމެ ދުވަހެއް ފިޔަވައި ހުރިހާ ދުވަހެއް ވެސް ހޭދަ ކުރަނީ ރަޙުމުގެ މޭޒުގެ މަސައްކަތްތަކުގައި ކަމަށެވެ. އެ މަސައްކަތުގައި ނޫޅޭ ހަމައެކަނި ދުވަހަކީ މަންމަ ރުއްސާ އުފާ ކޮށްދިނުމަށް ގެެއިން ރޯދަ ވިއްލާ ދުވަސް ކަމަށް އޭނާ ބުންޏެވެ.

ރަޙުމުގެ މޭޒުތަކަށް ތައްޔާރުކުރާ ކާނާ ބަހައްޓާ ގުދަނުގެ ބޭރުގައި ބޯޑެއް ހަރުކޮށްފައި ހުރެއެވެ. އެ ބޯޑުން މި މަސައްކަތުގައި ބައިވެރިވާ މީހުން އެ މަސައްކަތް ކުރާ ސަބަބު ބުނެދީފައި އޮވެއެވެ.

“އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ.” (ސޫރަތުން އިންސާންގެ 8 އަދި 9ވަނަ އާޔަތް).