މިހާލަތުގައި އައު މަޝްރޫޢުތައް ފެށުމުގައިވެސް ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނުގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އެކި މޮޑެލްތަކަށް މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. އެގޮތުން ހިލޭ އެހީގެ މަޝްރޫޢުތަކާއި ބޭރުގެ ލޯނުގައި ހިންގާ މަސައްކަތްތަކާއި އަދި ކޮންޓްރެކްޓަރ ފައިނޭނެސް މޮޑެލްއަށް ގެންދާ މަސައްކަތްތަކަށް މަޑުޖެހުމެއް ނާންނާނެކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިމަނާފަވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށެވެ. ކޮންޓްރެކްޓަރުންނަށް ދޭންވާ ފައިސާވެސް ދިނުމާއެކު، މަސައްކަތްތައް ނުހުއްޓި ގެންދެވޭނެގޮތަށް ކަންކަން ހަމަޖައްސަމުންދާކަމަށެވެ. އެހެން ނޫންނަމަ، މަސައްކަތްތައް ހުއްޓި، މުޅި ޤައުމު ހުއްޓުމަކަށް އައިސް އޭގެ ގެއްލުން ވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ގިނަ މަޝްރޫޢުތައް މިހާރު ހުރީ ސޮއިކޮށް، މަސައްކަތް ހަވާލުކޮށްފައިކަމަށެވެ. ދެން ފަށަން ހުރި މަސައްކަތްތައް ނިސްބަތުން މަދުކަމަށެވެ.
"މެޖޯރިޓި މަޝްރޫޢު ވަނީ ސޮއިކޮށްފައި. މިހާރު ހުރީ ބާކީ %35- %40 މަޝްރޫޢުގެ މަސައްކަތް. ދެން ބަލާނީ ޕްރިއޯރިޓީ ދޭންވީ މަސައްކަތްތަކަކީ ކޮބާތޯ. އެންމެ މުހިންމީ ބޯހިޔާވަހިކަތާ ސިއްޙީ ދާއިރާގެ މަސައްކަތްތައް. އާ މަޝްރޫޢުތައް ފެށުމުގައިވެސް މި ދާއިރާތަކުގެ މަސައްކަތް މަޑުނުޖެހޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. މަސައްކަތްތައް ތަރުތީބުކޮށް ބަދަލުތައް ގެންނާނީ ޙާލަތަށް އަންނަމުންދާ ބަދަލުތައް ބެލުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.