ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ފުޅާކޮށް، ވަޒަނުން އެ މީހުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަންނާނެ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މި މޭރުމުން ބުނެފައި ވަނީ، އޭނާގެ އަމުރަށް ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ މަޢުލޫމާތު ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހާ ހިއްސާ ކުރަމުންނެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން 61,700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އިތުރު 111,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް، މާރިޗު 18ވަނަ ދުވަހު ޔަހޫދީން ވަނީ އެއްބަސްވުން އުވައިލައި، ޣައްޒާގެ މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 700އަށްވުރެ މައްޗަށް އުފުލިފައިވާއިރު، ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު 38 މީހުން ޝަހީދު ކޮށްލާފައެވެ. މާރިޗު 18ގެ ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 400އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން ޔަހޫދީން އުވައިލާފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ބާރު އެޅުމުގެ ނަމުގައެވެ. ނިރުބަވެރި ނަތަންޔާހޫ ބުނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަތުން އިންކާރު ކުރަމުންދާ ނަމަ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރާނެ ކަމުގައެވެ.
ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ނިކަމެތި ކަން ބޮޑު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އަނިޔާވެރި ނަތަންޔާހޫ ބުންޏެވެ. އޭގެ ތެރޭގައި، "ޣައްޒާގެ ބިންތައް ފޭރިގަތުން" ހިމެނޭނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ނަތަންޔާހޫ ލާއިންސާނީ ޖަރީމާތައް ހިންގަމުން މި ދަނީ އޭނާގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއި އެހީތެރިކަމާ އެކުގައެވެ.
ޖަނަވަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ޙަމާސް ޖަމާޢަތުން ވަނީ ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ. ނަމަވެސް، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައެވެ.
ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވޭ އިތުރު 59 އަސީރުން މިނިވަން ކުރުމަށް އޮތީ އެންމެ މަގެއް ކަމަށާއި، އެއީ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މި ވަގުތު ދިރިތިބި މީހުންގެ އަދަދަކީ 25 ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ. ޙަމާސުން ބުނީ، އަސީރުންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ޖައްބާރު ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ. ނަމަވެސް، އެ މީހުންގެ މަރުގެ ޒިންމާ އުފުލަން އަނިޔާވެރި ނަތަންޔާހޫ ދަނީ އިންކާރު ކުރަމުންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާ ޢުދުވާނާ މެދު ނަތަންޔާހޫ މާޔޫސްވެ، ގޮތް ހުސްވެފައިވާ ކަމުގައެވެ. އިސްރާއީލުގެ ސިޔާސީ މައިދާން ދިރާސާ ކުރާ އޮރީ ގޯލްޑްބަރގް ބުނީ، ޣައްޒާ ފޭރިގަންނާނެ ކަމުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނަމުން އެ ދަނީ ގޮތް ހުސްވެ، މާޔޫސްވުމާ ގުޅިގެން ކަމުގައެވެ. އަދި، އިތުރު ގޮތެއް ނެތިގެން ކަމުގައެވެ. "ގިނަ ދިމާތަކުން ނަތަންޔާހޫއަަށް ކުރިމަތިވަމުން ދަނީ މާޔޫސް ކަން،" އޭނާ ބުންޏެވެ.
"އެމެރިކާއިން އަވަސް އަރުވައިލައިގެން [ނަތަންޔާހޫ ބޭނުންވާ ކަންކަމަށް] ރުހުން ދިނުމަށް ތައްޔާރަށް އޮތް މަންޒަރެއް ނުފެނޭ، އަދި [ޣައްޒާގައި] ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަން ބޭނުންވާނެ އަދަދަށް އެތަކެއް ސަތޭކަ ހާސް ޔަހޫދީ ސިފައިން ޖަމާކުރެވޭނެ ކަމާ ކަމުގެ ޔަގީން ކަމެއް ވެސް ނެތް،" އޭނާ ކިޔައިދިނެވެ. އިސްރާއީލުގެ ދާޚިލީ މައިދާނުގައި ވެސް ނަތަންޔާހޫއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އޭނާއާ ދެކޮޅަށް އެތަކެއް ސަތޭކަ ހާސް ބަޔަކު އަޑުއުފުލަމުންދާ ކަން ވެސް ގޯލްޑްބަރގް ފާހަގަ ކުރިއެވެ.