ޚަބަރު

ޕާކިސްތާނު ރޭލު ޙަމަލާ ދިން މީހުން މަރާލައި ރަހީނުން ސަލާމަތް ކޮށްފި


ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޫޗިސްތާން ޕުރޮވިންސުގައި ދަތުރު ކުރަމުން ދިޔަ ރޭލަކަށް ޙަމަލާދީ އޭގައި ދަތުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ފަސިންޖަރުން ރަހީނު ކުރި ހާދިޘާގައި، ޙަމަލާ ދިން މީހުން މަރާލައި ރަހީނުން ސަލާމަތްކޮށްފިއެވެ.

ރޭލަށް ދިން ޙަމަލާގެ ފަހަތުގައި ތިބީ ބަލޫޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ބަލޯޖް ލިބެރޭޝަން އާމީ (ބީއެލްއޭ)އެވެ. ބަލޫޗިސްތާންގެ ވެރިރަށް ކުއޭޓާއިން ޕެޝާވަރަށް ދަތުރު ކުރަމުން ދިޔަ ރޭލަކަށް ބީއެލްއޭއިން ޙަމަލާ ދީފައި ވަނީ ރޭލު ދުއްވާ މަގުގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. ބީއެލްްއޭއިން ވަނީ އެ އުޅަނދުގައި ދަތުރުކުރަމުން ދިޔަ 450އެެއްހާ މީހުން ރަހީނު ކޮށްފައެވެ. އެ ޖަމާޢަތުގެ އަމާޒަކީ، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާ އެ ޖަމާޢަތުގެ ބައެއް މެންބަރުން މިނިވަން ކުރުމަށް ޕާކިސްތާނުގެ ސަރުކާރަށް މަޖުބޫރު ކުރުވުމެވެ. ބީއެލްއޭގެ ސިޔާސީ ކުށްވެރިންނާއި އެކްޓިވިސްޓުން 48 ގަޑިއިރުގެ ތެރޭގައި މިނިވަން ނުކޮށްފި ނަމަ، ރޭލުގައި ހިފަހައްޓާއި ތިބި ހުރިހާ ފަސިންޖަރުން މަރައިލާނެ ކަމަށް ބުނެ އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ.

އެ ޙަމަލާއާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ރަހީނުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފަށައިފައެވެ. ދެ ދުވަހަށް ދެމިގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގައި ޙަމަލާގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން މަރާލައި ރަހީނުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. އެ އޮޕަރޭޝަންގައި ޖުމްލަ 33 ހަނގުރާމަވެެރިން މަރުވެފައިވާއިރު ރަހީނުންގެ ތެރެއިން 21 މީހުން ވެސް މަރުވެފައިވެއެވެ.