ޚަބަރު

ހެލްތު ސެގްމަންޓް: 12 ވަރަކަށް ގަޑިއިރު ރޯދައަށް ހުންނައިރު ސަމާލުވާންޖެހޭ ކަންކަން


  • އެކި ބަލިތައް ހުންނަ މީހުން ރޯދައަށް ހުންނަން ބޭނުންވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިއްމު

  • ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ރޭގަނޑު ގިނައިން ފެންބުއިމަކީ މުހިއްމުކަމެއް

ރޯދަމަހު ގާތްގަނޑަކަށް 12 ނުވަތަ 13 ގަދިއިރު ރޯދައަށް ތިބޭއިރު ހަށިގަނޑަށް ބޮޑު ބަދަލެއް ގެނުވައެވެ. އެހެންކަމުން ރޯދައަށް ތިބުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ހުރެއެވެ. މިއަދުގެ ހެލްތު ސެގްމަންޓްގައި ބަލާލާނީ ރޯދައަށް ހުރުމުގައި އާއްމުގޮތެއްގައި ސަމާލުކަންދެންވީ ބައެއް ކަންކަމަށެވެ.

ރަމަޟާން މަހުގެ ރޯދައަށް ހުރުމަށް ތައްޔާރުވާންޖެހެނީ ޑރ.މުޙައްމަދު ޢަލީ ވިދާޅުވާގޮތުން މަހެއްހާ ދުވަސް ކުރިންނެވެ. ސަބަބެއްކަމަށް ޑޮކްޓަރ ވިދާޅުވީ، ބަލި މީހުންވެސް ރޯދައަށް ހުންނަން ބޭނުންވާތީ، އެމީހަކަށް ރޯދައަށް ހުރުމަށް އެންމެ ރަނގަޅުތޯ ބެލުމަށްކަމަށް ވިދާޅުވިއެވެ. އަދި ބޭހެއް ބޭނުންކުރަމުންދާ ފަރާތެއްނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ޑރ. މުޙައްމަދު ޢަލީ ބާރުއެޅުއްވިއެވެ.

ހަކުރު މަތި މީހުންނާއި ލޭމައްޗަށް ދާ މީހުންނާއި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ މައްސަލަތައް ހުންނަ ފަރާތްތަކުން ރޯދައަށް ހުރުމުގައި ކެއިން ބުއިން ބައްޓަންކުރުމުގައި ސަމާލުވުމަށް ޑރ.މުޙައްމަދު ޢަލީ އިލްތިމާސްކުރެއްވިއެވެ. އަދި އާއްމު ފަރާތްތަކުންވެސް ރޯދައަށް ހުރުމުގައި އާއްމުގޮތެއްގައި ސަމާލުވާންޖެހޭކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ތެޔޮތަކެއްޗާއި ހަކުރު ބޭނުންކޮށްގެން ތައްޔާރުކުރާ ބާވަތްތައް ގިނަން ބޭނުން ނުކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.

ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ރޯދަމަހަކީ ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު މަސައްކަތްކުރާ މަހެއްކަމަށެވެ. ދުވަހުގެ 12 ވަރަކަށް ގަޑިއިރު ރޯދައަށް ހުރުމަށްފަހު މިކަންކުރުމަކީ ފަސޭހަކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކެއުން މަދުކުރިނަމަވެސް ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓުމަށް ސަމާލުވުމަށްވަނީ އިރުޝާދު ދެއްވާފައެވެ. ރޭގަނޑުގެ އެކި ގަޑިތަކަށް ބަހާލައިގެން ގިނައިން ފެން ބުއިމަކީ މުހިއްމުކަމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރޭގަނޑު ވީހާވެސް ލަސްކޮށްފައި ހާރުކެއުމަކީ އަނެއް ދުވަހު ރޯދައަށް ހުރުމުގައި ހަށިގަނޑުގައި ހަކަތަ ރައްކާކުރުމަށް ކުރެވިދާނެ މުހިއްމުކަމެއްކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.