ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 3-1 ގެ ނަތީޖާއަކުން ބެންފީކާ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބާސެލޯނާއިން ހޯދައިފިއެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ބާސެލިނާ އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ބާސެލޯނާ މި މެޗުން މޮޅުވެފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ދިން ބޯޅަ އަކުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ބެންފީކާގެ ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އޭރިޔާ ތެރޭގައި ހުރެ އޮޓަމެންޑީ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ދެވަނަ ފަހަރަށް ކުރި ހޯދާފަ އެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަމީން ޔަމާލް އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ފައުލް ކުރި ކަމަށް ބެންފީކާގެ ކުޅުންތެރިން މައްސަލަ ޖެއްސުމުން ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގައި ރަފީނިއާ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި މުބާރާތުގައި 16 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ. މީގެ ކުރިން މި އަދަދަށްވުރެ ގިނައިން ބާސެލޯނާއަށް ލަނޑު ޖެހުމުގައި އެހީތެރިވެފައިވަނީ ލިއޮނެލް މެސީ އެވެ. އޭނާ ވަނީ 12-2011 ވަނަ އަހަރުގެ ސީޒަނުގައި 14 ލަނޑު ޖަހާ 5 ލަނޑު ޖެހުމަށް މަގު ތަނަވަސްކޮށްދީފަ އެވެ. ރަފީނިއާ ވަނީ މި ސީޒަނުގައި 11 ގޯލު ޖަހާ 5 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއަށް ވަނީ އިތުރު ލަނޑުތަކެއް ޖެހުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ފްރެންކީ ޑިޔޮންގް އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.
އުމުރުން 17 އަހަރުގެ ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އޭނާ ޖެހި ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށާއި ކްލަބަށް މިހާތަނަށް ކުޅުނު މެޗުތަކުގައި 60 ލަނޑު ޖެހުމުގައި އެހީތެރިވެފަ އެވެ.
މި މެޗުގައި ޔަމާލް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ މި މުބާރާތުގައި ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ. މި މެޗު ކުޅުނުއިރު ޔަމާލްގެ އުމުރަކީ 17 އަހަރާއި 241 ދުވަހެވެ.