އިންޑިއާ އާއި ދިވެހިރާއްޖެ އަކީ އަބަދުވެސް ފުޓްބޯޅައިގެ ވާދަވެރިންނެވެ. މި ވާދަވެރިކަމުގައި އެންމެ ފުރަތަމަ އާރުލައިގަތީ 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ދެ ލަނޑު ދެ ލަނޑުން އެއްވަރުވީ އިންޑިޔާއިން ދެ ގޯލު ޖަހައިފައި އޮއްވައި ފަހަތުން އަރައި ރާއްޖެ އެއްވަރު ކުރުމުންނެވެ.
ސަރަހައްދުގެ ގަދަ ބާރެއް ކަމަށްވާ ސްރީލަންކާ ބަލިކޮށް މުބާރާތުގެ ފައިނަލްގައި ވެސް ރާއްޖެ ވާދަކުރި އެވެ. ނުކުންނަން ޖެހުނީ އިންޑިޔާއާ ދެކޮޅަށެވެ. ފައިނަލަށް ދިއުމުން ވީ އުފަލެއްގެ ބޮޑުކަމުން އަހަރުމެންނަށް ފައިނަލް މެޗަށް ދޭންވާ ސަމާލުކަން ނުދެވުމުން ބަލިވީ 5-1އިންނެވެ. އޭގެ ދެ އަހަރު ފަހުން މުބާރާތުގެ ތައްޓާއި ރާއްޖެއާ ދެމެދުގެ ހުރަހަކަށްވީ އިންޑިޔާ އެވެ. މިފަހަރު ސެމީ ފައިނަލްގައި ރާއްޖެ ބަލިވީ ބައިންޗުން ބުޓިޔާ އުންޑައެއްހެން ވައްޓާލި ބޯޅައަކުންނެވެ.
އިންޑިޔާއާ ވާދަކުރެން ނުޖެހުނު ފައިނަލަކަށްވީ 2003 ވަނަ އަހަރުގެ މުބާރާތެވެ. ރާއްޖެ ފައިނަލް ކުޅުނަސް ބަލިވީ އެވެ. އެކަމަކު ދިވެހިރާއްޖެ އާއި ސްރީލަންކާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕްވީ އަނެއްކާ ވެސް އިންޑިޔާ އާއި ރާއްޖޭގެ ބޮޑު ވާދަވެރިކަމަކަށެވެ. ބައިންޗުން ބުޓިޔާ އާއި ސުނިލް ޗެތްރީ ފަދަ ތަރިން ރާއްޖެ އައިސްތިބީ ސީދާ ތައްޓަށެވެ. ރާއްޖޭގެ ޓީމުން އަހުމަދު ތޯރިގް (ޓޮމް) އާއި އަލީ އަޝްފާގް (ދަގަނޑޭ)ގެ ޕާޓްނަރޝިޕް ރޫޅާލެވޭތޯ އެންމެ ވަރު ދެއްކީ ވެސް އިންޑިޔާ އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ އިންޑިޔާ އަތުން ބަލިވީ އެވެ. އަމިއްލަ ރަށުގައި ކުޅެން އޮތް ސެމީ ފައިނަލް މެޗު ލަންކާ އަށް ބަދަލުވީ މިހެންވެ އެވެ.
މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރުމުން އިންޑިޔާއިން މި ފަހަރު އެންމެ ފުރަތަމަ ވިސްނީ ޖިސްމާނީ ގޮތުން ރާއްޖެ ބަލިކޮށްލުމަށެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ އަޝްފާގުގެ އަނގަމަތި ފަޅާލައި ހޯސްލާފައި ލޭފައިބަން އުޅުމުން އިންޑިޔާގެ ޑޮކްޓަރުން އަވަސްވެގަތީ އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އިންޑިޔާ ކުޅުންތެރިންގެ އުނޅަބޮށިން ދިނަ ހަމަލާއަކުން މުހުތާރު ނަސީރު (ޓޫކިލޯ)ގެ އަނގައިގެ ތެރެ އިންޗިއަކަށް ފަޅައިގެންދިއުމުން އޭނާ ބާލަން ހިތްވަރު ދިނީ ވެސް އިންޑިޔާގެ މެޑިކަލް ޓީމުންނެވެ. އެކަމަކު ރާއްޖޭގެ ޓީމުގެ ޑޮކްޓަރު ނިންމީ ދެ ކުޅުންތެރިންނަކީ ވެސް އަވަސް ފަރުވާ ދީގެން މެޗު ފުރިހަމަ ކުރެވޭނެ ކުޅުންތެރިން ކަމަށެވެ.
އެ ދުވަހު އިންޑިޔާ މީހުން ބުނިގޮތް ހެދިނަމަ މެޗު ނިމިނިމި އޮއްވައި ޕެނަލްޓީ އެރިޔާގެ ބޭރުން ޓޫކިލޯ ފޮނުވާލި ބާރު ބޯޅަ އިންޑިޔާގެ ގޯލަށް އުންޑައެއްހެން ވަދެ ދިވެހިން ތައްޓާ ހަމައަށް ދަތުރު ނުކުރީހެ އެވެ. އިންޑިޔާގެ ކުޅުންތެރިންނަށް މިއީ ވަރަށް ބޮޑު ޝޮކެކެވެ. ރާއްޖެ އަތުން ބަލިވުމަކީ އެމީހުން ހީވެސް ނުކުރާ ފަދަ ހިތި ނަތީޖާއެކެވެ. މިއާއެކު މި ދެ ގައުމުގެ ކޮންމެ ކުރިމަތި ލުމަކީ އޭގެ ފަހުން ފައިނަލެކެވެ.
އަންނަ އަންގާރަ ދުވަހު ރާއްޖެ އާއި އިންޑިޔާ ވާދަކުރާ އެކުވެރިކަމުގެ މެޗަކީ ވެސް ވާދަވެރިކަން ބޮޑުވާނެ މެޗެކެވެ. ރާއްޖެއިން މެޗު ކުޅޭ ދަނޑު ބަދަލުކޮށްދިނުމަށް އެދުމުން އެކަމަށް އިންޑިޔާ އިންކާރު ކުރީ ވެސް ހޯމް އެޑްވާންޓޭޖްގެ ބޭނުން ހިފުމަށެވެ. ޝިލޮންގްގައިވާ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމަކީ މީގެ ކުރިން ރާއްޖެ ކުޅުނު ދަނޑެއްނޫނެވެ.
އެކަމަކު އަހަރުމެންނަކީ އަބަދުވެސް ދަތި އުނދަގޫތަކެއްގެ ތެރެއިން ގަދަ އަޅައި ކާމިޔާބު ހޯދާބައެކެވެ. ގައުމީ ޓީމުން މިފަހަރު ވެސް ކާމިޔާބު ހޯދާނެ ކަމާމެދު ޝައްކެތްނުކުރަމެވެ.