ޚަބަރު

ބުޅާ ގެންގުޅޭނެ އިތުރު ޒޯންތަކެއް މާލެއާއި ހުޅުމާލޭގައި ހަދަނީ


  • ބުޅާތައް ނަގާނީ ވަކި ވަކި ބެޗްތަކަށް ބަހާލައިގެން

  • ކޮންމެ ބެޗެއްގައި ނަގަނީ 15 ބުޅާ

މާލެ މަގުތަކުގައި އުޅޭ ބުޅާތައް ރިހެބިލިޓޭޓް ކުރާނެ ޒޯންތަކެއް ހެދުމަށް ނިންމާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް "އޮޅުހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 26ގައެވެ. "އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މިސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސަފްވާން އިބްރާހިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ އެވުޒާރާއާ ހަވާލުކުރިއިރު ގިނަ ކަންކަން ހުރީ ފުރިހަމަ ނުވެކަމަށެވެ. އެހެންކަމުން ފެސިލިޓީ އެދެވޭ ގޮތެއްގައި ހިންގުމަށް އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބުޅާތައް ވަކިން ބަހައްޓާނެ ޖާގައާއި ކެޓް ހައުސްތަކާއި މީގެ އިތުރުންވެސް ގިނަ ކަންކަން ފުރިހަމަނުވެ ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަފްވާން ވިދާޅުވީ މަގުމަތިން ބުޅާތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ބުޅާތައް ނަގަމުންދާނީ ވަކި ވަކި ބެޗްތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ 15 ބުޅަލުގެ ބެޗެއް މިހާރުވެސް ކެޓް ޝެލްޓާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުޅާ ފެސިލިޓީގައި ޚިދުމަތްތައް ފުރިހަމަވެފައި ނެތްނަމަވެސް މިހާރު ދެވެން ހުރި ޚިދުމަތްތަކާއެކު ކެޓް ޝެލްޓަރ ހިނގަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަފްވާން ވިދާޅުވީ ވިސްނުމަކީ ކެޓް ޝެލްޓަރއަށް ގެންދާ ބުޅާތައް އަބަދު ޝެލްޓަރގައި ގެންގުޅުން ނޫންކަމަށާއި، މުސްތަގްބަލުގައި ބުޅާތައް ރިހެބިލިޓޭޓް ކުރުމަށް މާލެއާއި ހުޅުމާލެއިން ވަކި ޒޯންތަކެއް ހެދުމަށް ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ އޭގެ ޕްލޭނަކީ ބުޅާތައް މިތަނުގައިވާ މުއްދަތުގެ ތެރޭގައި ޕޮޓީ ޓްރެއިނިންއާއި ވެކްސިނޭޓްކޮށްފައި މާލޭގައި ޒޯންތަކެއް ކަނޑައަޅާނީ މީހުން ދިރިއުޅޭ ހިސާބައްވުރެ ބޮޑަށް ދުރުގައި މިހާރުވެސް އެބައުޅޭ ބުޅާތައް އުޅޭ ސަރަހައްދުތައް އެތަންތަން ޒޯންތަކަށް ކަނޑައަޅައި ލިޓާރތައް ބަހައްޓައި ކެޓް ފުޑް ލިބޭ ގޮތައް އިންތިޒާމް ހަމަޖެހޭނެ. ދެން ފިއުޗަރ ޕްލޭނަކީ އެތަނުން ބުޅާތައް ފެންވަރުވާ މެކޭނިޒަމަކާއި އެއްކޮށް އެތަންތަން ގާއިމް ކުރުން" ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސަފްވާން އިބްރާހިމް ވިދާޅުވިއެވެ.

ސަފްވާން ވިދާޅުވީ ފެސިލިޓީގައި ފުރިހަމަވާން ޖެހޭ ޚިދުމަތްތައް ގާއިމްކޮށް ފުރިހަމައަށް ތަން ހިންގުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓާ ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. މިއީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.