ޚަބަރު

ރިނބުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ރައީސް ވަނީ ކައުންސިލާއި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވާފައި

  • ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ބޭނުންވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރިނބުދޫ ސްކޫލުގައެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ އެދޭކަންކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ސުކޫލާއި، ޞިއްޙީ މަރުކަޒު އަދި މިސްކިތުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ރަށުގެ ޒުވާނުން ސްޕޯޓްސް ފިޝިންގއަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރައްވައި ސްޕޯޓްސް ކަނދުފައްޗެއް ރަށް ކައިރީގައި ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ބަޖެޓުގެ ދަތިކަން ހުރުމުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރިނބުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އ.ތ.މ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކުރެއްވޭނެކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރިނބުދޫގައި ބެންކް އޮފް މޯލްޑިވްސްއިން އަލަށް ޤާއިމުކުރި އޭ.ޓީ.އެމް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރިނބުދޫގައި އަލަށް ޤާއިމުކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.