ޚަބަރު

ރަމަޟާންމަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް


  • ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު %15 އާއި %20 އިތުރު

  • ކަރަންޓް އިޤްތިޞާދުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ޑިމާންޑަށް ކޭޓަރ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަށް އަންދާޒާކުރާ ޑިމާންޑަށް ކޭޓަރ ކުރުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އަޅުގަނޑުމެން ޖަނަރޭޓަރާއި ޓްރާންސްފޯމަރާއި ބޭނުންވާ ސްވިޗް ގިއަރތައް އޯޑަރކޮށްގެން އަޅުގަނޑުމެންނަށް ބޭނުންވާ ޖަނަރޭޓަރުތަކުން ބައެއް ޖަނަރޭޓަރ ތައް ރާއްޖެ އައިއްސި. ޖަނަރޭޓަރު ބެހެއްޓުމަށް ބިމުގެ ކަންތައްތައް ހަމަޖެހުމުން އަޅުގަނޑުމެން މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ. ގާތްގަނޑަކަށް 24 ގަޑިއިރުގެ އޮޕަރޭޝަންއެއް އަޅުގަނޑުމެން ހުޅުމާލޭގައި އެބަ ހިންގަން އެ ޖަނަރޭޓަރތައް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް". ނާޝިދު ވިދާޅުވިއެވެ.

އިބްރާހިމް ނާޝިދު ވިދާޅުވީ، ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު %15 އާއި %20 ދެމެދު އިތުރުވާކަމަށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ޕީކް ޑިމާންޑަކީ ގާތްގަނޑަކަށް 113 މެގަވޯޓްކަމަށާއި އޭގެ މައްޗަށް މި ރަމަޟާންމަހު އިތުރު 15 ވަރަކަށް މެގަވޯޓް އިތުރުވާނެކަމަށް އަންދާޒާކުރާކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާކުރަނީ މިއަހަރުގެ އަޅުގަނޑުމެންގެ ޕީކް ޑިމާންޑް 130 މެގަވޯޓާއި ކައިރި ކުރާނެކަމަށް. އާންމު އުސޫލަކުން ޑިމާންޑް މިއިންނަނީ ރޭގަނޑު 10 ނުވަތ 10:30 ހާއިރު ދަށްވާން ފަށާނެ. 12 ޖަހަންވާއިރަށް ހުންނާނީ ދަށްވެފައި. އެކަމަކު ރޯދަމަހު މިވާގޮތަކީ މެންދުރު ފަހުން ފެށިގެން އެއިންނަ ޑިމާންޑް ކޮންސަސްޓެންޓްލީ ރޭގަނޑު 12 ނުވަތަ 1 ޖަހަންދެން އެބަހުރޭ. ވަރަށް ބޮޑު ކޮންސަޕްޝަންއެއް މިއަންނަނީ. ވަރަށް ބޮޑު އޮޕަރޭޝަންއެއް އެބަ ހިންގަންޖެހޭ ރޯދަމަހަށް ކޭޓަރ ކުރުމަށްޓަކައި". ނާޝިދު ވިދާޅުވިއެވެ.

ސްޓެލްކޯއިން ވަނީ އާންމުން ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ކަރަންޓް އާލާތްތައް ކަމަށްވާ އޭސީއާއި، ދޮންނަ މެޝިނާއި، އަވަން އަދި މީގެއިތުރުން އިސްތިރި ފަދަ ތަކެތި ބޭނުންކުރާއިރު ސަމާލުވެ ކަރަންޓް އިޤްތިޞާދުކުރުމަށް ވަނީ އެދިފައެވެ.