ފެބްރުވަރީ މަހުގެ 20ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނާ ޙަވާލު ކޮށްފައިވާ އަސީރުންގެ ހަށިތަކުގެ ތެރެއިން އެއް ހަށިގަނޑަކީ އެ ޖަމާޢަތުން ރަހީނު ކުރި އަސީރުންގެ ތެރެއިން މީހެއްގެ ހަށިގަނޑު ނޫން ކަމަށް ޔަހޫދީން ތުހުމަތު ކުރުމް ޙަމާސުން އެ ކަން ތަހުޤީޤު ކުރަން ފަށައިފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.
15 މަސް ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު ހުސްވި ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެ އެެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގައި 2000އެއްހާ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޔަހޫދީންގެ 33 އަސީރުން މިނިވަން ކުރާނެއެވެ. އެ އެއްބަސްވުމާ އެެއްގޮތަށް މިހާތަނަށް ފަސް ފަހަރެެއްގެ މަތިން ދެ ފަރާތުގެ މެދުގައި އަސީރުންނާއި ޤައިދީން ވަނީ ބަދަލު ކޮށްފައެވެ.
އެއްބަސްވުމާ އެއްގޮތަށް ޙަމާސުން ބުރާސްފަތި ދުވަހު ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ ނިޔާވި ހަތަރު ޔަހޫދީ އަސީރެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. އެއީ 83 އަހަރުގެ ފިިރިހެނަކާއި ޝިރީ ބިބާސް ކިޔާ އަންހެނަކާއި އޭނާގެ ދެ ކުދިންގެ ހަށިތަކެވެ. އެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމުން އެ މީހުންގެ ވަނަވަރު ކަށަވަރު ކުރުމަށް ޔަހޫދީން ވަނީ ތަހުލީލުތައް ކޮށްފައެވެ. އެ ތަހުލީލު ތަކުން ތިން މީހުންގެ ވަނަވަރު ޔަޤީން ވި ނަމަވެސް ޝިރީ ބީބަސް ކަމަށް ބުނެ ޙަވާލު ކުރި ހަށިގަނޑަކީ އޭނާގެ ހަށިގަނޑު ނޫން ކަމަށް ޔަހޫދީން ވަނީ ތުހުމަތު ކޮށްފައެވެ. އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ މުސްލިމުންނަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ.
ޙަމާސުން ބުނީ ޔަހޫދީންގެ ތުހުމަތުތައް ތަހުޤީޤު ކޮށް ތަހުޤީޤުގެ ހޯދުންތައް އިޢުލާނު ކުރާނެ ކަމަށެވެ. ޔަހޫދީންގެ ތުހުމަތުތަކާ ގުޅޭ ގޮތުން ޙަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ ބައްސާމް ނަޢީމް ވިދާޅުވީ ބައެއް ފަހަރު އޮޅުންތައް އެރުން އެކަށީގެންވާ ކަމަށެވެ. ޙަމާސުން މީގެ ކުރިން ވަނީ ހަތަރު އަސީރުން ވެސް މަރުވެފައި ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި އެ މީހުން ތިބި ސަރަޙައްދަށް ޔަހޫދީން ގަސްތުގައި ބޮން އެޅުމުން ކަމަށް ބުނެފައެވެ. އެ ތުހުމަތުތައް ތަކުރާރު ކުރައްވާ ބައްސާމް ވިދާޅުވީ ޔަހޫދީން ބެލުމެއް ނެތި ބޮން އެޅުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ވެސް ޝަހީދުވެ އެ މީހުންގެ ހަށިތައް އަސީރުންގެ ހަށިތަކާ އެކުވެފައިވާ ކަމަށެވެ. އަދި ވެސް އެތައް ހާސް ބައެއްގެ ހަށިތައް އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެއްވެސް ބައެެއްގެ ހަށިތައް ޙަވާލު ނުކޮށް ބެހެއްޓުމާއި ވެފައިވާ އެއްބަސްވުމަކާ ޚިލާފަށް ޢަމަލު ކުރުމަކީ ޙަމާސުން ޤަބޫލު ކުރާ ޤަބޫލު ކުރުންތަކާ ޚިލާފު ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.