މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި ހައި ޕާފޯމަންސް ސެންޓަރަކީ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ ކާމިޔާބީ ހޯދުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަފްސީލުތައް ފާހަގަކޮށް، ކޮންސެޕްޓް ޕޭޕަރ މިހާރު އެކުލަވާލަފައިވާއިރު މިކަމަށް ބޭނުންވާ ފައިސާވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން މިނިސްޓަރ ރާފިއު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކަށްވެސް ވަޒީރުވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ކުޅިވަރު ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމްކުރުމުގައި ދިމާވާ ގޮންޖެހުންތައްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމުކުރުމުގައި ސަރުކާރުން ތަފާތު ދައްކާނެ އަހަރަކަށް މިއަހަރު ހަދައިދޭނެކަމުގެ ޔަގީންކަން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް އަރުވަން. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، ކުޅިވަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި އެކު ރަނގަޅު ފަންނީ މީހުންގެ ލަފައާއި އިރުޝާދު ލިބޭނެ މަގުވެސް ސަރުކާރުން ފަހިކޮށްދެވޭނެ އަހަރަކަށް މިއަހަރު ވާނެ" ކުޅިވަރު ކުރިއެރުވުމަށް ރާވާފައިވާ އުއްމީދީ ރޭވުންތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރުތައް ކުރިއެރުވުމުގައި ވަކި ކުޅިވަރަކަށް އިސްކަން ދިނުމުގެ ބަދަލުގައި ހުރިހާ ކުޅިވަރަކަށް ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލެއްގެ ދަށުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރުވަނީ މި ޖަލްސާގައި ދެއްވާފައެވެ.
އުއްމީދަކީ ސަރުކާރާއި، އެމް.އޯ.ސީ އަދި އެހެން ކުޅިވަރު އިދާރާތައް ގުޅިގެން މިހާރަށްވުރެ ވަރުގަދަ ރޫހެއްގައި ކުޅިވަރު ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުންކަމަށާއި އަދި ދިވެހި އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ އިތުރު ކާމިޔާބީ ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ.
"އަޅުގަނޑު އެދެނީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރަނގަޅު ޕްލޭނަކާއިއެކު ކާމިޔާބީ ހޯދަން މަސައްކަތްކޮށްދެއްވުން. އޭރުން ދިވެހި ކުޅިވަރުގެ ކުރިމަގަށް އެންމެން ގުޅިގެން އަޅާ ކޮންމެ ކާމިޔާބީއަކީ އެންމެންނަށް ލިބޭ ކާމިޔާބީއަކަށްވާނެ" ވަޒީރު ވިދާޅުވިއެވެ.
އަދި އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ލިބޭ ކާމިޔާބަކީ މުޅި ޤައުމަށް ލިބޭނެ ކާމިޔާބީއެއްކަމަށާއި މިއީ މުޅި ދިވެހި ކުޅިވަރުގެ މުސްތަޤްބަލަށް ހޯދޭ ކާމިޔާބީއަކަށްވާނެ ކަމަށްވެސް ވަޒީރުގެ ވާހަކަކޮޅުގައި ފާހަގަކުރެއްވިއެވެ.
ހައި ޕާފޯމަންސް ސެންޓަރަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދެކެވެ.