ޚަބަރު

އިންޑިޔާގެ ރޭލު ސްޓޭޝަނެއްގައި ފިތިބާރުވެގެން 18 މީހުން މަރުވެއްޖެ


އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގެ މައި ރޭލު ސްޓޭޝަނުގައި، ޖާގައަށްވުރެ މީހުން ގިނަވުމުގެ ސަބަބުން ފިތިބާރުވެ، 18 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭއިރު ގިނައީ އަންހެނުންނެވެ. މަރުވެފައިވާ އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތެކެވެ. އަދި، އެންމެ ދޮށީ މީހާގެ އުމުރަކީ 79އެކެވެ.

އިންޑިޔާގެ ފުލުހުންނާ ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނީ، ހަތަރު މީހުން ފިޔަވައި މަރުވި އެންމެންނަކީ އަންހެނުން ކަމުގައެވެ. ނިއު ދެއްލީގެ ޗީފް މިނިސްޓަރު އާތިޝީ މާރްލޭނާ ވިދާޅުވީ، ރޭލު ސްޓޭޝަންގެ ޖާގައަށްވުރެ މީހުން ގިނަވެފައި ވަނީ، ބުދުދީނުގެ އަޅުކަމެއްގައި ބައިވެރިވުމަށް އެ ޤައުމުގެ އެކި ކަންކޮޅުތަކުން ދެއްލީއަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުން ދިޔުމާ ގުޅިގެން ކަމުގައެވެ.

ފިތިބާރުވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އޭގެ ތެރެއިން ބައެއް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ދެއްލީގެ ލެފްޓިނެންޓް-ގަވަރުނަރު ވީކޭ ސަކްސޭނާ ވަނީ އެ މީހުންނަށް ޒިޔާރަތް ކުރައްވައި، ހާލު ބައްލަވައިލައްވާފައެވެ. "މިއީ، ވަރަށް ހިތާމަވެރި ހާދިސާއެއް، މަރުވި މީހުންގެ ޢާއިލާތަކަށް ދުޢާ ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ކަމާ ގުޅޭ އިދާރާތަކަށް އަމުރު ކޮށްފައިވާނެ ކަމުގައި އެ ޤައުމުގެ ރޭލު ދަތުރުފަތުރާ ބެހޭ ވަޒީރު އަޝްވިނީ ވެއިޝްނަވް ވިދާޅުވިއެވެ. ހުސްވި ޖަނަވަރީ މަހު ވެސް އިންޑިޔާގެ އުތުރުގެ ސަރަޙައްދެއްގައި ގިނަ އަދަދެއްގެ ބަޔަކު ފިތިބާރުވެގެން މަރުވިއެވެ. އެއީ ވެސް ބުދުދީނުގެ އަޅުތަކެއްގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިންޑިޔާގައި ދާދި ފަހުން ނުރައްކާތެރި ރޭލު އެކްސިޑެންޓުތަކެއް ވެސް ހިނގާފައިވެއެވެ. މި ގޮތުން، 2023ވަނަ އަހަރު ހިނގި ރޭލު އެކްސިޑެންޓެއްގައި 288 މީހުން މަރުވިއެވެ. ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ބޮޑު ރޭލު ދަތުރުފަތުރުގެ ވިއުގަ އޮތީ އިންޑިޔާގައެވެ. އެ ވިއުގަ އިތުރަށް ތަރައްޤީ ކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ 30 ބިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ފަށާފައެވެ.