ޚަބަރު

ޗައިނާގެ ޕްރޮފެސަރުންނާއިއެކު ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި


  • ތަމްރީން ކުރިއަށްގެންދާނީ ހަފްތާއެއްގެ ނިޔަލަށް

  • ވުޒާރާގެ ޓީމެއް ބައިވެރިވޭ

ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓާއި މަސްވެރިކަމާބެހޭ ވުޒާރާ ގުޅިގެން ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން ވިދާޅުވީ، މިއީ އެ ވުޒާރާގެ އެދިލެއްވުމަކަށް އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގައި ފާނަ އާލާކުރާނެގޮތާއި، ހުއިފިލަނޑާ އާލާކުރާނެގޮތް ދަސްކޮށްދޭނެކަމަށެވެ. އަދި އެއަށް ބޭނުންވާ ކާނާ ތައްޔާރުކުރާނެގޮތާއި، ކާނާ ބަލެހެއްޓުމުގައި އަމަލު ކުރާނެގޮތް ދަސްކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މިއީ އެ ވުޒާރާއިން ކުރިއަށްގެންދާ ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ފްރޮގްރާމްގެ ދަށުން އެތަކެތީގެ ސްޓޮކް ދަށްވުމުގެ ސަބަބުން އެތަކެތި އާލާކުރާނެގޮތް ދަސްކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުންނެވެ. އަދި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ވުޒާރާގެ 20 އަކަށް ބައިވެރިން ބައިވެރިވެއެވެ.

ތަމްރީން ކުރިއަށްދާނީ 7 ދުވަހުގެ މުއްދަތަކަށް ކ.މަނިޔަފުށީގައެވެ. މިއީ އެ ވުޒާރާއިން ޗައިނާއާއި ގުޅިގެން މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.