ޚަބަރު

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކަށް ދަނީ ކުރިއެރުން ލިބެމުން: ޓްރަމްޕް


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

2022ވަނަ އަހަރު ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ދިފާޢުގައި ހިންގާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޕުޓިން ދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް ޔޫކްރެއިނާއި އެ ޤައުމަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތައް, ޚާއްސަކޮށް އެމެރިކާއިން, ބުނަމުން ދަނީ ރަޝިޔާގެ ބޭނުމަކީ ޔޫކްރެއިނުގެ ބިން ފޭރިގަތުން ކަމަށެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވާޖީނިޔާއާ އެއްވަރު ޔޫކްރެއިނުގެ ސަރަޙައްދެއް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޕުޓިންއާއެކު ވާހަކަތައް ދެކެވެމުންދާ ކަމަށް އިޝާރާތް ކުރައްވާފައެވެ. އެހެންކަމުން މިއީ 2022ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސަކާއެކު ޕުޓިން ރަސްމީކޮށް މަޝްވަރާ ކުރައްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޕުޓިން އެމެރިކާގެ ރައީސަކާ ރަސްމީ ސިފައެއްގައި ވާހަކަ ދެއްކެވީ 2022ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯ ބައިޑަންއާއެވެ. އެއީ ފެބްރުވަރީ 2022ގައި ޔޫކްރެއިނަށް ރަޝިޔާ ސިފައިން ފޮނުވުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

ރައީސް ޓްރަމްޕް ޕުޓިންއާ ވާހަކަ ދެއްކެވީ މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕްެ ޙަވާލުވެވަޑައިގަތުމުންގެ ކުރިންތޯ ނުވަތަ ފަހުންތޯ ސުވާލު ކުރުމުން އެ ސުވާލަށް ސީދާ ޖަވާބެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ. އޭނާ ހަމައެކަނި ވިދާޅުވީ ވާހަކަ ދެކެވިފައިވާކަން ޔަޤީން ކޮށްދެއްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ރަޝިޔާގެ އިތުރުން ޔޫކްރެއިނާއެކު ވެސް މަޝްވަރާތައް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ އެކި ސިފަސިފައިގައި މުއާލަމާތްތައް ކުރިއަށް ދާ ކަމަށެވެ. އޭނާއަށް ކަމެއްގެ މަޢުލޫމާތު ނޭނގުނަސް އޭގެ މާނައަކީ އެ ކަމެއް ހިނގަމުން ނުދާ ކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ޙާލަތުގައި އެމެރިކާއާއެކު ވާހަކަތައް ކުރިއަށް ދާ ކަން ނުވަތަ ނޫންކަން ޔަޤީން ނުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި ރަޝިޔާއާ ދެމެދު ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެމެރިކާގެ ސަލާމަތީ މުޝީރު މައިކް ވޮލްޓްޒް ވެސް އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ވަރަށް ޙައްސާސް މަޝްވަރާތައް ކުރިއަށް ދާކަމަށެވެ.

ޓްރަމްޕް ވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންފުޅުވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެ ކަން ޙާޞިލް ކުރައްވާނީ ކޮން ގޮތަކަށް ކަމެއް ތަފްޞީލު ކޮށްދެއްވާފައެއް ނުވެއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށެެވެ. ނަމަވެސް އެ ފަދަ މަޝްވަރާއެއް ކުރިއަށް ގެންދާނެ ތަނެއް އަދި ވަގުތެއް މިހާތަނަށް އިޢުލާނު ކުރައްވާފައެއް ނުވެއެވެ. ބައްދަލުވުން ބޭއްވުމަށް ރަޝިޔާއިން ބޭނުން ވަނީ ސަޢުދީ ޢަރަބިއްޔާ ނުވަތަ އެކުވެރި ޢަރަބި އިމާރާތުގައި ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ, ދިފާޢީ ވަޒީރު ޕީޓް ހެގްސެތު, ނައިބު ރައީސް ޖޭޑީ ވޭންސް އަދި ޔޫކްރެެއިން ހަނގުރާމައާ ބެހޭ ޚާއްޞަ މަންދޫބު ކީތު ކެލޮގް ވިލާތަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވޮލްޓްޒް ވިދާޅުވީ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕުޓިން އެއް މޭޒެއް ދޮށަށް ގެނައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ޓެރިފްތައް ޓްރަމްޕް ތަޢާރަފް ކުރެއްވުން އެކަށީގެންވާ ކަމަށެވެ. ހަނގުރާމައިގެ ޙާލަތުގައި އެމެރިކާއިން ޔޫކްރެއިނަށް މަދަދުވެރިވުމުގެ ބަދަލެއްގެ ގޮތުގައި ޔޫކްރެއިންގެ ބިމުއަޑީގައިވާ މައުދަން އެމެރިކާއާ ދިނުމާ ގުޅޭގޮތުން އެމެރިކާގެ ފަރާތުން ޔޫކްރެއިނާއެކު މަޝްވަރާ ކުރާނެ ކަމަށް ވޮލްޓްޒް އިތުރަށް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހު ޕުޓިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުގައި ކަންތައްތަކެއް އިޢުލާނު ކުރައްވާފައެވެ. އެ ގޮތުން ޔޫކްރެއިނުން ނޭޓޯއަށް ވަނުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔޫކްރެއިންގެ ހަތަރު ސަރަޙައްދަކުން ޔޫކްރެއިންގެ ހުރިހާ ސިފައިން ބާލަން ޖެހޭނެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ. މިދިޔަ ނޮވެމްަބަރު މަހުގެ ތެރޭގައި ބައެއް މަސްދަރުތަކުން ވަނީ ޞުލްޙަ ޤާއިމް ކުރުމާ ގުޅޭގޮތުން ޓްރަމްޕާއެކު މަޝްވަރާ ކުރުމަށް ޕުޓިން ތައްޔާރަށް ހުންނެވި ކަމަށް ބުނެފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ބިމުގެ ބޮޑު ބައެއް ދޫކޮށްލުމަކީ ރަޝިޔާއިން ކުރާނެ ކަމެއް ނޫންކަމަށާއި ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ޕުޓިން ބޭނުންފުޅުވާ ކަމަށް އެ މަަސްދަރުން ވެސް ބުނެފައި ވެއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމައާ ގުޅޭގޮތުން އަންނަ ހަފުތާގެ ތެރޭގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމަށް ޓްރަމްޕް ކުރައްވަުމުންދާ މަސައްކަތުގެ ސަބަބުން ހަނގުރާމަ ނިނުމަކަށް އައުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ނުދޭނެ ކަމުގެ ޔަޤީންކަން ބޭނުންވާ ކަމަށެވެ. އެ ފަދަ ފުރުޞަތެއް ރަޝިޔާއަށް ލިބިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ހުޅަނގުގެ ވާގިވެރިން ކަމަށްވާ އެމެރިކާއާއި ވިލާުތުގެ އިއްތިޙާދުން ޔޫކްރެއިންގެ މަސްލަހަތަށް އިސްކަންދީ އެ ޤައުމަށް އެހީތެރިވެދީ ސަލަމާތީ ޔަޤީންކަން ދޭ ނަމަ ދުޝްމަނުންނާއެކު ކޮންމެ ކަހަލަ މަޝްވަރާއެއް ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަމަށް ބޭނުން ވަނީ ވިލާތާއި އެމެރިކާއާއި ޔޫކްރެެއިން އޮތީ އެއް ފަޅިއެއްގައި ކަމުގެ ޔަޤީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.