ޚަބަރު

ބޮލްޓިކް ޤައުމުތައް ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކިކޮށްފި


ވިލާތުގެ އުތުރުގައި އޮތް ބޮލްޓިކްގެ ތިން ޤައުމު ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކިކޮށްފިއެވެ. ބޮލްޓިކްގެ ތިން ޤައުމުގެ ގޮތުގައި ބެލެވޭ އެސްޓޯނިޔާ، ލެޓްވިޔާ އަދި ލިތުއޭނިޔާ ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކިކޮށްފައި ވަނީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ކަރަންޓު ވިއުގައާއި ގުޅައިލައި، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

އެ ތިން ޤައުމު ރަޝިޔާއިން ފޯރުކޮށްދޭ ކަރަންޓު ވިއުގައިން ވަކިކޮށްފައި ވަނީ ފެބުރުވަރީ 8ވަނަ ދުވަހުއެވެ. އަދި، އީޔޫގެ އައިޕީއެސް/ޔޫޕީއެސް ވިއުގައާއި ފެބުރުވަރީ 9ވަނަ ދުވަހު ގުޅައިލެވޭނެއެވެ. މި ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި އީޔޫ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމުގައި އޭނާގެ އޮފީހުން ހާމަކުރިއެވެ.

ލިތުއޭނިޔާގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ލިޓްގްރިޑުން ބުނީ، ބޮލްޓިކްގެ ޤައުމުތައް ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކި ކުރުމުގެ ކުރިން އެ ޤައުމުތަކުގެ ކަރަންޓު ވިއުގަތަކާއި، އީޔޫގެ ކަރަންޓު ވިއުގައާއި ގުޅައިލުމުގެ ކުރިން ވަގުތީ ގޮތުން ހަކަތަ ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ ނިޒާމުތައް ވަރަށް ފުރިހަމައަށް އަޖުމަ ބަލާފައިވާ ކަމުގައެވެ.

"އަޅުގަނޑުމެން އެތަކެއް ޒަމާނެއް ވަންދެން ހާސިލު ކުރުމަށް ބޭނުންވި ލަނޑުދަނޑިއާ ހަމައަށް މި ވަނީ ވާސިލުވެފައި. މިއަދު ފުރިހަމަ ކޮންޓުރޯލު އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި،" ލިތުއޭނިޔާގެ ހަކަތައާ ބެހޭ ވަޒީރު ޖިގީމަންތަސް ވައިޗޫނަސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ ދުވަހަކު ވެސް އެ [ރަޝިޔާގެ ކަރަންޓު] ވިއުގަ ބޭނުމެއް ނުކުރާނަން. އަޅުގަނޑުމެން ދާނީ ކުރިއަށް،" ލެޓްވިޔާގެ ހަކަތައާ ބެހޭ ވަޒީރު ކަސްޕަރްސް މެލްނިސް ވިދާޅުވިއެވެ. ބޮލްޓިކްގެ ޤައުމުތައް ރަޝިޔާގެ ކަރަންޓު ވިއުގައާ ވަކި ކުރުމުން އެ ޤައުމުތަކުގެ ރައްޔިތުން ވަނީ އުފާ ފާޅުކޮށްފައެވެ.

ބޮލްޓިކްގެ ތިން ޤައުމު ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކި ކޮށްފައި މި ވަނީ އެ ކަމާ ގުޅޭ ގޮތުން އެތަކެއް ދަހަރަކަށް ދެމިގެން ދިޔަ މަޝްވަރާތަކަކަށް ފަހުއެވެ. އެ ތިން ޤައުމުން ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކިވުމަށް ނިންމާފައި ވަނީ 2014ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންގެ އެންމެ ދެކުނުގައި އޮތް ކްރައިމިޔާއަށް އަތްގަދަ ކުރި ފަހުންނެވެ.

ބޮލްޓިކްގެ ތިން ޤައުމު ކަމުގައިވާ އެސްޓޯނިޔާ، ލެޓްވިޔާ އަދި ލިތުއޭނިޔާއަށް 1990ގެ އަހަރުތަކުގެ ތެރޭގައި މިނިވަން ކަން ލިބުނީ ކުރީގެ ރޫސީ ވިލާތް ވެއްޓުމުންނެވެ. އެއަށް ފަހު 2004ވަނަ އަހަރު އެ ތިން ޤައުމުން ވަނީ އީޔޫގެ އިތުރުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ހޯދާފައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީން ފެށިގެން ކުރަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބޮލްޓިކްގެ ތިން ޤައުމުން ތާޢީދު ކުރަނީ ޔޫކްރެއިނަށެވެ. އެ ތިން ޤައުމުން ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ދެކޮޅު ހަދަމުން ގޮސްފައިވީ ނަމަވެސް، މިއަދާ ޖެހެންދެން ވެސް ކަރަންޓު ބޭނުން ކުރަމުން ގޮސްފައި ވަނީ ރަޝިޔާގެ ވިއުގައެވެ.

"ބޮލްޓިކް ޤައުމުތަކުން ކަރަންޓު އުފެއްދުމަށް ރަޝިޔާއަށް ބަރޯސާވުން ނިމުމަކަށް ގެނެވުމާ އެކު، ހަކަތައަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުޞަތު ރަޝިޔާއަށް މި ވަނީ ގެއްލިފައި،" އެސްޓޯނިޔާގެ ޚާރިޖީ ވަޒީރު މަރްގުސް ޗަޚްނާ ވިދާޅުވިއެވެ. ރަޝިޔާގެ ހަކަތައިގެ ވިއުގައިން ލެޓްވިޔާ ރަސްމީކޮށް ވަކި ކުރުމަށް ބޭއްވި ހަފުލާއާ ގުޅިގެން ރަޝިޔާ-ލެޓްވިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.

ބޮލްޓިކްގެ ތިން ޤައުމު ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކި ކުރުމާ އެކު، ލިތުއޭނިޔާއާއި ޕޮލެންޑާ ދެމެދުގައި އޮތް ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ކަލިނިިންގްރާދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވިއުގަ ވެސް މި ވަނީ ކެނޑިފައެވެ. މި ކަމާ ގުޅިގެން، ކަލިނިންގްރާދުގައި މި ވަގުތު ކަރަންޓު އުފައްދަމުން ދަނީ އެ ސަރަޙައްދުގައިވާ އިންޖީނުގެތަކުންނެވެ.

ރަޝިޔާގެ ކަރަންޓު ވިއުގައިން ވަކި ކުރުމުގެ ކުރިން ބޮލްޓިކްގެ ތިން ޤައުމުން ވަނީ އެ ޤައުމުތަކުގެ ކަރަންޓު ވިއުގަ ހަރުދަނާ ކުރުމަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. މި ގޮތުން، 2018ވަނަ އަހަރުން ފެށިގެން، އެ މަސައްކަތަށް 1.66 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާ ކަމުގައި ބޮލްޓިކްގެ ޤައުމުތަކުން ހާމަކުރިއެވެ. މި ކަމަށް ތައްޔާރުވުމުގެ ގޮތުން ރަޝިޔާއިން ވެސް ވަނީ ކަލިނިންގްރާދުގައި ހަކަތަ އުފެއްދުމަށް އިންޖީނުގެ އެޅުމަށް 1 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.